މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ ”ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން (LAN) ފޯމެޓަށެވެ.
މިއީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް (PUBGM) އަދި މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ (MLBB) ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން އަނެއްކާވެސް ހާމަވެގެންދިޔައީ ރާއްޖޭގައި ވާދަވެރި ގޭމިންގ ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރެވެ. މިއީ ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
މިނިސްޓްރީއާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން، އުރީދޫ ނޭޝަނުން ދެމިއޮންނާނީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ ގޭމިންގ ދާއިރާ ހަރުދަނާކޮށް، ޑިޖިޓަލްކޮށް ގުޅިފައިވާ ރާއްޖެއެއްގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގައެވެ.
ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރުކަން އުރީދޫއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ކުރިމަގުގައި މިއަށްވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވެގެންދާނެކަމެއްކަމަށް ވަނީ ބުނެފަ އެވެ.

