ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރުތައް ހުއްޓުމުގެ އަސަރު 4،000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް: ނުފުރި ތިބި ފަސިންޖަރުންނަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް!

ރޭގައި ފްލައިޓު ކެންސަލްވުމުން ދެ ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުގައި ހިނގާފައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ މަޑުޖެހުމުގެ ސަބަބުން ރާއްޖޭން ނުފުރި ތިބި ފަސިންޖަރުންގެ ތެރެއިން އެއާޕޯޓުގައި ތިބި ފަސިންޖަރުންނަށް ކުރީގެ ޑޮމެސްޓިކް ޓާމިނަލް ހަމަޖައްސައިދީފި އެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަވެރި ނުތަނަވަސްކަމާ ގުޅިގެން، ރާއްޖެއަށް ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ގިނަ އަދަދެއްގެ ފަތުރުވެރިން އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ރެއިން ފެށިގެން ބައިނަލްއަޤުވާމީ ދަތުރުތައް ވަނީ ހުއްޓިފަ އެވެ. އަދި އޭގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ ގިނަ ފްލައިޓުތައް ވެސް ވަނީ ކެންސަލްވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުހައްމަދު ރޭ ވަނީ އެއާޕޯޓަށް ވަޑައިގެން، އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވާލައްވާފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޓޫރިޒަމް މިނިސްޓަރ ތޯރިގްއާއި މިހަރު އުފެދިފައިވާ ހާލަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. މިނިސްޓަރ ވިދާޅުވީ، އިއްޔެއިން ފެށިގެން މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް އަންނަން ހުރި ގިނަ ފްލައިޓްތަކެއް ކެންސަލްވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 9 ފްލައިޓެއް ކެންސަލްވެފައިވާއިރު، މިއަދުގެ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިތުރު 14 ފްލައިޓެއް ކެންސަލްވާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހާލަތުގެ ސަބަބުން ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނަށް އެނބުރި ގައުމަށް ނުދެވި، އެއާޕޯޓުގައި މަޑުކުރަން ޖެހުމުން ކުރިމަތިވި ދަތިތައް ހައްލުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ވަގުތުން މަސައްކަތްތަކެއް ފެށުނުކަމަށް ތޯރިގް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެއާޕޯޓުގައި ތާށިވި ފަތުރުވެރިންނަށް އަސާސީ ހިދުމަތްތަކާއި އަރާމުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށެވެ. އެގޮތުން، އެމްއޭސީއެލް ވަނީ ކުރީގެ ޑޮމެސްޓިކް ޑިޕާޗާ ޓާމިނަލް ހާއްސަ ގޮތަކަށް ތައްޔާރުކޮށް، އެތަނުގައި ފަތުރުވެރިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިކަމަށް ތޯރިގް ވިދާޅުވި އެވެ.

މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، އެ އިމާރާތުގެ މަތީގައި ހުރި އައިލެންޑް އޭވިއޭޝަންގެ ލައުންޖް ވަނީ އާއިލާތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިދީފައެވެ. އަދި ރޭގަނޑު ނިދަން ބޭނުންވާ ފަރާތްތަކަށް ވަގުތީ ގޮތުން ފްލޯގައި ނިދޭނެ އިންތިޒާމު ހަމަޖައްސައި، ކޮންމެ މީހަކަށް ބާލީހާއި ބެޑްޝީޓް ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ސަބަބުން ޖުމްލަ 4,000 އަށް ވުރެ ގިނަ ފަތުރުވެރިންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ ތެރޭގައި އެއާޕޯޓުގައި ތިބި މީހުންނާއި، ފްލައިޓް ކެންސަލްވުމުން ރިސޯޓުތަކުގައި މަޑުކުރަން ޖެހުނު މީހުން ހިމެނެއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ހުރިހާ ރިސޯޓުތަކަކަށާއި، ގެސްޓްހައުސްތަކަށް އަދި ސަފާރީތަކަށް ސާކިއުލާއެއް ފޮނުވައި، ފްލައިޓް ޝެޑިއުލްތަކަށް ބަލައިގެން ނޫނީ ފަތުރުވެރިން އެއާޕޯޓަށް ނުގެނައުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ރިސޯޓުގައި މަޑުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްވެސް ވަނީ އެދިފައެވެ.

ބައެއް ފަތުރުވެރިން މިހާރު ވަނީ އަނބުރާ އެމީހުން ތިބި ރިސޯޓުތަކަށް ނުވަތަ މާލެ ކައިރީގައި ހުރި ގެސްޓްހައުސްތަކަށް ބަދަލުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ހާއްސަ ކެބިނެޓް ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮމިޓީގެ މައިގަނޑު މަގްސަދަކީ އެކި ދާއިރާތަކުން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމަށް އަވަސް ހައްލު ހޯދައިދިނުމެވެ.

މިނިސްޓަރު ވިދާޅުވީ ބަންދުކޮށްފައިވާ ވައިގެ ސަރަހައްދުތައް ހުޅުވޭނެ ސީދާ ވަގުތެއް އެނގެން ނެތް ނަމަވެސް، އެއާލައިންތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި، ހާލަތު އާންމު ހާލަތަކަށް އަންނަންދެން ފަތުރުވެރިންނަށް އެހީތެރިވުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: