ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ޙާފިޡުންގެ އަދަދު 500 އަށް އިތުރުކުރުން: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހާފިޡުންގެ އަދަދު މި ފަސް އަހަރު ދުވަހުގެ ތެރޭގައި 500 އަށް އިތުރު ކުރުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފުވެރި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.

ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މި ހަފްލާއަކީ ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި އަދި މަތިވެރި ޝަރަފުވެރި ޙަފްލާތަކުގެ ތެރެއިން ހަފްލާއެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިރޭ ޖުމްލަ 31 ހާފިޡުން ވަނީ ދަސްވެނިވެ، ޝަރަފުގެ ތާޖު ހާސިލްކޮށްފައެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވި އަހަރެވެ. އަދި މިއަދާ ހަމައަށް ރާއްޖޭގެ ޙާފިޡުންގެ ޖުމްލަ އަދަދު 301 އަށް އަރާފައިވާކަން އިއުލާން ކުރެއްވިއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެކަނިވެސް 19 މިލިއަން ރުފިޔާ މި ދާއިރާއަށް ހޭދަކޮށްފައިވާކަމަށް ވިދާޅުވި އެވެ. އަދި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނައަށް ބޮޑުކޮށް، ޤައުމީ މުބާރާތުގެ އިނާމުތައް ވެސް ވަނީ މަތިކުރެވިފައިކަން ފާހަގަކުރެއްވި އެވެ.

 އަޅުގަނޑުމެންގެ އަމާޒަކީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޙާފިޡުންގެ އަދަދު 500 އަށް އެރުވުމަށް މަސައްކަތްކުރުން. މަސައްކަތްކުރުން. 500 އާއި ހަމައަށް ގެންދިއުމަށް މަސައްކަތްކުރުން. އަދި އަޅުގަނޑުމެންގެ މި ވުޒާރާގެ ދުރުރާސްތާ އަމާޒަކީ އިސްލާމީ ދުނިޔޭގެ އެ ގައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ޙާފިޡުން ގިނަ ގައުމަކަށް ހެދުން.. މީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެންދާނެ ވަރަށްވެސް މަތިވެރި ޝަރަފެއް.

ޝަހީމް ވިދާޅުވީ، މިވަގުތުވެސް ރާއްޖޭގައި 1,800 އަށްވުރެ ގިނަ ކުދިން ޤުރުއާން ހިތުދަސްކުރަމުންދާކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިންނަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ދަރިވަރުން ކަމަށެވެ.

މީގެ އިތުރުން، ޝަހީމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް 50 ގޮފި ގާއިމުކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 6 ގޮފި ރަޖިސްޓްރީކޮށް، އިތުރު 34 ގޮފީގެ މަސައްކަތް ދަނީ ކުރަމުންދާކަމަށް ވިދާޅުވި އެވެ. އަދި ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތް ރަށްރަށަށް ބޭރުން މުދައްރިސުން ގެނެސްގެން ނަމަވެސް އިލްމު ފެތުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ، މިހާ ގިނަ އަދަދެއްގެ ޙާފިޒުން އެކުގައި ދަސްވެނިވާ މަންޒަރަކީ މީގެ ކުރިން ގިނަ ބަޔަކަށް ތަސައްވުރު ވެސް ނުކުރެވޭ ފަދަ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި ޙާފިޒުންގެ މިފަދަ ހަފްލާއެއް ބޭއްވޭތަން ފެންނާނެކަމަށް އެއްވެސް ބަޔަކަށް ގަބޫލު ކުރެވިފައި ނެތްކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އަހަރުން އަހަރަށް ދަސްވެނިވާ ޙާފިޒުންގެ އަދަދު އިތުރުކުރުމެވެ. އަދި ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ އިތުރުން ޒަކާތު ފައިސާގެ ބައިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. މިއާއި އެކު ރާއްޖޭގެ ވިޔަފާރިވެރިންނާއި ތަނަވަސްކަމުގެ އަހުލުވެރިން، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިދާއިރާއަކީ މީ ވަރަށް ބޮޑަށް އަޅުގަނޑު ދަންނަވާނީ އެންމެ ބޮޑަށް ދޭންޖެހޭ މުހިންމުކަން ނުދެވި އޮތް ދާއިރާއޭ… އެއްވެސް މުހިންމުކަމެއް އެއްވެސް ބޭފުޅަކު ނުދެކެޔޭ އަޅުގަނޑު ނުދަންނަވާނަން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އިތުރަށް މުހިންމުކަން ދޭންޖެހިފައިވާ ދާއިރާއެކޭ. މިކަންކަން ސަރުކާރުން ވިސްނިގެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް މި ކުރެއްވި ދަތުރުތަކުގެ ހެޔޮ ނަތީޖާ ހަގީގަތުގައި މިއީ އަޅުގަނޑު ދަންނަވާނީ. އެހެންކަމުން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިއަދު މިކަންކަމަށް އެބަދެއްވާ. ގުރުއާން ކްލާސްތައް ހެދުމާއި ރަށްރަށުގައި އަދި މިސްކިތްތައް ވެސް ކީރިތި ގުރުއާނުގެ އިލްމު އުނގަންނައިދެވޭ ތަންތަނެއްގެ ގޮތުގައި ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމާ މިހުރިހާ ކަމަކީ މީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވިގެން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވިގެން ކުރިއަށްގެންދާ ކަންކަން. މިކަންކަމުގައި ރާއްޖޭގެ އެންމެހާ ވިޔަފާރިވެރިން ބައިވެރިވުމަށް އަޅުގަނޑު މިރޭ އިލްތިމާސްކުރަން

ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން، މިހާރު ސަރުކާރުން މިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން ގެންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޤުރްއާން ކްލާސްތައް ހެދުމާއި، މިސްކިތްތަކަކީ ޤުރްއާނުގެ އިލްމު އުނގަންނައިދޭ ތަންތަނަށްހެދުމާއި، އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: