ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ކުށުގެ ހާޔެއްގެ ތެރޭގައި!

މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށުގެ ޢަމަލުތައް ކުރާމީހުން އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކުށުގެ ވައްތަރުތަކާއި މީހުން ކުށް ކުރުމުގެ ވައްޓަފާޅިވެސް ދަނީ ބަދަލުވަމުންނެވެ.

މީހުން މެރުމާއި، މީހުން ރަހީނުކުރުމާއި، “ފާޅުކަން ބޮޑު ގޮތެއްގައި” ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމާއި، ފޭރުމާއި، މަސްތުވާ އެއްޗެތި އަމިއްލައަށް ހަދައިގެން އޭގެ ބޭނުން ކުރުމާއި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ އެހެނިހެންވެސް ވަސީލަތްތަކުގެ ޛަރީޢާއިން ހިންގާ ކުށުގެ ޢަމަލުތަކާއި، ގޭންގު ހަދައިގެން ކުށްތައް ކުރުމާއި، ހަތިޔާރުގެ ބޭނުންކޮށްގެން މީހުންނަށާއި ތަންތަނަށް ޙަމަލާ ދޭން މަސައްކަތް ކުރުމާއި މިފަދަ ކުށްތަކަކީ އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖުތަމަޢަށް “އަލަށް” އުފަންވި ކުށްތަކެއް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އިސްވެ ދެންނެވުނު ކުށްތަކުގެ އިތުރުން، ޒިނޭއާއި، ލިވާޠު ކުރުމާއި، ވައްކަން ކުރުމާއި، މާރާމާރީއާއި، މަސްތުވާ ތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމާއި، ރިޝްވަތާއި، މީހުންގެ މުދަލަށް ގެއްލުން ދިނުމާއި، ޢާއްމު ރައްޔިތުންގެ މަންފާއަށް ހެދިފައި ހުންނަ [ސަރުކާރުގެ] ތަކެއްޗަށާއި ތަންތަނަށް ގެއްލުން ދިނުމާއި މިހެންގޮސް ދުނިޔޭގައި ލެއްވިހާ ކުށްތަކަށް އަރައިގަތުމަކީ ފެޝަނެއްކަމުގައި ދެކިގެން އުޅޭ މީހުންވެސް މިހާރަކު މަދެއްނޫނެވެ.

ކުށްކުރާ މީހުންގެ ތެރޭގައި ދެޖިންސުގެ އެކި ޢުމުރުފުރާގެ މީހުން ޝާމިލުވާއިރު، މީގެތެރޭގައި ހިމެނޭ ޒުވާނުންގެ ޢަދަދު ގިނަ ކަމީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އެހެނީ ޢާއިލާތައް ނަގަހައްޓައި ޤައުމު ބިނާކޮށް އުއްމަތުގެ ދިފާޢުގައި މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބި ބަޔަކީ ޒުވާނުންކަމަށްވީ ހިނދު، މިފަދަ ބޮޑު ޒިންމާއެއް ޙަވާލުވެފައިވާ ބަޔަކު “ކުށުގެ އަޅުން” ކަމުގައި ވެއްޖެނަމަ އަޅުގަނޑުމެންގެ މުސްތަޤުބަލު ބަނަވެގެން ދާނެކަމީ ޝައްކެތްވެސް އޮތް ކަމެއްނޫނެވެ. ހާމަކަން ބޮޑު ގޮތެއްގައި މިކަމުގެ ހެކިތައް މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން މިދަނީ ފެންނަމުންނެވެ.

އަޅުގަނޑުމެންގެ ދިވެހި އިސްލާމީ މުޖުތަމަޢުތައް “ކުށުގެ ހާލި” ތަކަކަށް ބަދަލުވެ، މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އަޚުލާޤީ ގޮތުންނާއި އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި، މިފަދަ މުޖުތަމަޢެއްގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަރަޖައަށް ކަންތައް ދާއިރު، މި މައްސަލަޔާ މެދު ފުންކޮށް ވިސްނައި މިކަމަށް ޙައްލެއް ހޯދަން އެބަ ޖެހެއެވެ. މިއީ “އަވަސް ނިޔާގެ” މައްސަލައެއް ކަމުގައި ދެކިގެން ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަ ވީ ވަރަކުން މި ކަމުގައި ޤުރުބާނީތަކެއް ވާން އެބަ ޖެހެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ ކުށުގެ ނާމާންކަމުން ސަލާމަތް ވުމަށްޓަކައި ލިބެން ހުރި ހުރިހައި ވަސީލަތްތަކެއްގެ ބޭނުން ހިފައިގެން މިހާރުން މިހާރަށް ފިޔަވަޅު އެޅުންނޫން އެހެން އެއްވެސް އިޚުތިޔާރެއް އަޅުގަނޑުމެންނަށް ނެތެވެ. މިކަމަށްޓަކައި ހުރިހައި ފެންވަރެއްގައި މަޝްވަރާތައް ކުރެވެން އެބަ ޖެހެއެވެ. ތަކުރާރުކޮށް ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި މި ވާހަކަތައް ދައްކައި އެންމެންގެ ސަމާލުކަމަށް މިކަން ގެންނަން އެބަ ޖެހެއެވެ. ތިމާ ކުށްތަކުން ސަލާމަތްވެ ހުރެ އެހެންމީހުންވެސް ކުށްތަކުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ވަރުގަދަ ރޫޙެއް މީހުންގެ ހިތްތަކުގައި އަށަގަންނުވަން އެބަ ޖެހެއެވެ. މިކަމުގައި ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބަ އޮތްކަމުގައި ޤަބޫލުކޮށް އެންމެން އެއްރޫޙެއްގައި މަސައްކަތް ކޮށްގެންނޫނީ ކާމިޔާބުވުމަކީ ދުރުކަމެކެވެ.

ހަމަ މިނޭވައިގައި ދަންނަވައިލާން ޖެހޭ ވަރަށް މުހިއްމު އެހެން ވާހަކައެއްވެސް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ކުށް ކުރުން ޢާއްމުވެ މުޖުތަމަޢުގެ ޙާލަތު ގޯސް ވުމުގެ ޒިންމާ، އެކެއް އަނެކެއްގެ ބޮލުގައި އަޅުވައިގެން އެކަމާ ބަޙުޘް ކުރުމުގައި ވަގުތުތައް ދުއްވާލެވެން ނެތް ވާހަކަ އެވެ. އަޅުގަނޑުމެންނާ ކުރިމަތިވާ ކޮންމެ ކަމެއްގައި، “ސިޔާސީ ކުލަ” ޖައްސައިގެން މައްސަލައިގެ މައްޗަށް މައްސަލަ އިތުރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ވާހަކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: