ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރައިވަރު ޤާސިމްގެ ހިތި މަރު : ރާއްޖޭގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް އެބައޮތްތޯއެވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ ޑިސެމްބަރުމަސް ދިވެހިން ފަށައިގަތީ ސިއްސުވާލި ގިނަ ސުރުހީތަކާއި އެކުގައެވެ. އެކްސިޑެންޓްތަކުގެ ވާހަކައާއި އިހުމާލުގެ ވާހަކައެވެ. މަސްތުވާތަކެތީގެ ވާހަކައާއި މާރާމާރީގެ ވާހަކައެވެ. އަދި މި ނޫނަސް އިޖުތިމާޢީ އެތައް ކަމެއްގެ ވާހަކަ ފަށްފަށުން ދެކެވެމުން އައެވެ.

އެހެންނަމަވެސް ޓެކްސީ ޑްރައިވަރު ޤާސިމް އަނިޔާވެރިގޮތަކަށް މަރާލާފައޮއްވާ ފެނުމުން ދިވެހިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ވާހަކަ ރާއްޖޭގެ އެންމެ އުތުރާއި ހަމައަށް ފެތުރެން ނެގީ މަދު ހިނދުކޮޅެކެވެ. ކޮންމެ މީހެއްގެ ވެސް ސުވާލަކަށްވީ، “ކީއްވެ؟”ތޯ ކުރި ސުވާލެވެ.

ޤާސިމްގެ މަރަށް ފަހު އޭނާގެ ވާހަކަތައް މީޑިއާއަށް ކިޔާދިނީ އޭނާގެ އެކުވެރިންނާއި ގާތް މީހުންނެވެ. އޭނާ އަކީ އެންމެންނާވެސް ގުޅޭ ހުލްގު ހެޔޮ މިޒާޖެއްގެ މީހެއްކަމުގެ ވާހަކަ އެންމެންވެސް ދެއްކިއެވެ. އަދި އޭނާގެ އެކުވެރިން އޭނާ ސިފަ ކުރީ، ބުރަ މަސައްކަތުން ބަނޑު ފުރާނަ މުއްތިކުރަން މަސައްކަތް ކުރި އިޚުލާސްތެރި މީހެއްކަމުގައެވެ.

އެހެންކަަމަށް ވާއިރު، އާދައިގެ އާއްމު ރައްޔިތަކާއި މެދު އެހާ އިހާނެތިކޮށް މީހަކު ހިތަންވީ ކީއްވެބާއޭ ހިތަށް އެރިއެވެ! އަދި އެ މަރާއި ސިޔާސީ ބައެއް މީހުންނާއި ގުޅުވާ ދެއްކުނު ވާހަކަތަކުން ހަގީގަތުގައި ވެސް ޤާސިމްއަށް ނުހުޅުވަންވާ ދޮރެއް ހުޅުވި، އޭގެ އަގު ހިތިގޮތަކަށް އަދާކުރީބާއޭ ހިތަށް އެރިއެވެ! އޭނާ މަރުވެފައި އޮއްވާ ފެނުނު މަގަގީ އެކަހެރި މަގަކަށް ވުމާއި އެކު އޭނާއަށް ނުވަގުތެއްގައި، ހިނގި ކުށެއް ފެނި އަނގަ ބަންދުކުރަން ދުވަސް ދުއްވާލީތޯވެސް ސުވާލު އުފެދުނެވެ. މިކަހަލަ ހުރިޔާ ނަޒަރިއްޔާތެއް ބޮލު ތެރޭގައި ކުރެހީމެވެ. ނުވިތާކަށް އެއީ ޒާތީ ހަސަދައެއް ފިލުވާލަން މީހަކު ކުރި ކަމަކަށް ނުވާނެތޯވެސް ސުވާލު އުފެއްދީމެވެ.

null

ކޮންމެއަކަސް، އިހަށް ދުވަހު، ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބަަލަން އަޅުގަނޑުވެސް ހުރީ، ގިނަ ދިވެހި ރައްޔިތުން ފަދައިން އެ މަރުގެ ހަގީގަތް އެނގެން ބޭނުންވި މިންވަރު ބޮޑު ވުމުންނެވެ. އޭނާގެ މަރާއި މެދު އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. އެ ވާހަކަތައް އަޑު އަހަމުން ދިޔަ ވަރަކަށް ނޭވާ ހިފަހައްޓާލަން ޖެހުނު ކިތަންމެ ގަޑިއެއް އައެވެ.

ގާސިމް މަރާލީ މަދު ލާރިކޮޅެއްގެ ބޭނުމުގައި ކަން ހަޖަމް ކުރުންވީ ދަތި އުނދަނގޫ ކަމަކަށެވެ. އިންސާނެއްގެ ފުރާނައިގެ ކަރާމަތް އެހާ ކުޑަވީތޯ ހިތާ ހިތާއި ސުވާލު ކުރެވުނެވެ. ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހަސަން ގާސިމްގެ ގާތިލު، ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ކިޔާދިން ވާހަކަތައް މިޑިއާއާއި ހިއްސާކުރީ ފުލުހުންނެވެ.

އޭނާ ޤާސިމްގެ ކާރަށް އެރުމުގެ ކުރިން އެހެން މީހަކަށް ބިރު ދައްކައިގެން އުޅުނުކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ވާހަކަ ފުލުހުން، ހާމަކުރުމުން ކިރިޔަ ކިރިޔާ އެ އަނިޔާވެރިޔާގެ ޝިކާރައިން ސަލާމަތްވި މީހާއަށް އެމީހާއަކީ ޤާސިމްގެ މަޤާމްގައި މަރަށް ހުށަހެޅެން ތައްޔާރުވި މީހެއްކަން އިހުސާސްވުމުން ހިތަށް ވެރިވާނެ ބިރުވެރިކަން ދުލުން ބަޔާންކޮށެއް ނުދެވޭނެކަން ޤައިމެވެ. ޤާސިމްއަށް އެ ދުވަހު އަދުހަމް ހަމަލާ ދިނީ މަރާލުމުގެ ނިޔަތުގައި ނޫންކަމަށް އޭނާ އިޢުތިރާފްވެއެވެ.

އެހެންނަމަވެސް އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޤާސިމް މަރާލުމަށް ފަހު، މަރުގެ ހަމަލާދިން ހަތިޔާރު ފޮރުވާ، ލައިގެން ހުރި އަންނައުނު ބަދަލު ކޮށްގެން އޭނާ ހުޅުމާލެއިން މާލެ އައީ، ޤާސިމް މަރަށް ތެޅެން ދޫކޮށްލުމަށް ފަހުގައެެވެ. ކުށެއް ނެތް އިންސާނެއްގެ ފުރާނަ ތިމާގެ އަމިއްލަ އެދުމަށްޓަކާ ދުއްވާލީއެވެ. ކިހާ ހިތާމަ ހުރި ކަމެއްތޯއެވެ؟

ހަގީގަތަކީ ޤާސިމްގެ މަޤާމުގައި ކޮންމެ ޓެކްސީ ޑްރައިވަރަކުވެސް ހިމެނިދާނެކަމެވެ. ހަގީގަތަކީ ޤާސިމްގެ މަޤާމުގައި އެހެން މީހަކުވެސް ވުމުގެ ފުރުސަތު އޮތްކަމެވެ. ފޭރުމުގެ ނިޔަތުގައި ޝިކާރައަކަށް ހަދާނެ މީހާއަކީ ހިސާބު ޖެހުމަށް ފަހު ނިންމާ ނިންމުމެއް ނޫނނެވެ. ތިމާ ކުށުގެ ނުރައްކަލަށް ހުށަހެޅޭނީ ކޮންއިރަކުން ކަން ނޭނގުމަކީ، މި ބައިބޯ މުޖުތަމައު ނަފްސާނީ ބިރުވެރިކަމަކަށް ދޫކޮށްލާނެ ކަމެކެވެ. އެކި އުމުރުފުރާގެ މީހުން ގަޑިން ލަސްވަގުތުތަކުގައި ވެސް ހޭލަމޭލަވެ އުޅެ މި މުޖުތަމައުގައި ފޭރުމުގެ ނިޔަތުގައި އިންސާނެއްގެ ފުރާނަ ދުއްވާލަން ފަސް ނުޖެހޭ ބަޔަކު ތިބުމަށް ވުރެ ބިރުވެރި ކަމެއް އެބައޮތްތޯއެވެ؟

ފޭރުމާއި ޓެކުން އާއްމުވެފައިވާ މުޖުތަމައުގައި މިއަށް ވުރެ ބިރުވެރި ވާހަކައެއް އެބައޮތްތޯއެވެ. މިއަދު ކޮންމެ މީހަކު މަގުމަތިން ހިނގާފައިދާއިރު އަތް ދަބަހާއި ޖީބުގައި އޮތް ވޮލެޓާއިި މެދު އިތުރަށް ސަމާލުވަނީ ފައިސާގެ ބޭނުމަށް އޭނާއާއި ދިމާ ކުރާނެ ވަގުތެއް ނޭނގޭތީއެވެ. ބާރު ފިޔަވަޅުގައި މީހަކު ހިނގާފައި އައިސް އަރާހަމަކުރުމުން، ޖެހިލުންވެ ހިތްތެޅެމުންދަނީ އެ މީހާއަކީ ތިމާއަށް ހަމަލާއެއް ދީފާނެ މީހަކަށް ނުވާނެތޯ އުފެދޭ ސުވާލާއި އެކުގައެވެ. ގައުމުގެ އަމަންކަމާއި މަސަލަސްކަމާއި މެދު އާއްމު ރައްޔިތު މީހާ މިއަދު އުފައްދާ ސުވާލުތައް ފުނިޖެހިފައި އެބަހުއްޓެވެ. “ގާސިމްގެ” މަރު އަޅުގަނޑުމެން ދިރިތިބީންނަށް ދޫކޮށްލީ ވަރަށް ބޮޑު ސުވާލެކެވެ. މި މުޖުތަމައުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް އެބައޮތްތޯއެވެ؟ މިކަން ހުއްޓުވާނީ އަނެއްކާވެސް އެހެން ފަރުދެއްެގެ ފުރާނައާއި މެދު ސުވާލު އުފެދުމުންތޯއެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: