ރާއްޖޭގެ ޑިމޮކްރަސީ އެންމެ ބޮޑަށް ފައްކާވެފައިވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، މި ސަރުކާރަކީ ހުދުމުޚުތާރު ސަރުކާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ހުދުމުޚުތާރުކޮށް އެއްވެސް ކަމެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ”ހުދުމުޚުތާރު“ އެ ބަސް ބޭނުންކުރަން ޖެހޭނީ ކުރީގެ ސަރުކާރުތަކަށް ކަމަށާއި، މި ސަރުކާރާ ދެކޮޅަށް އެ ބަސް ބޭނުންކުރަން ހިތަށްވެސް އަރުވައިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރިހަމަ މިނިވަންކަން ދީފައެވެ. އެގޮތުން، އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ސަރުކާރުގެ ސްކޫލުތައް ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެކުރިން ސްކޫލްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުން މަނާވެފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ ސްކޫލްތަކަށް ދަތިނުވާނެހެން ބަންދު ދުވަސްތަކުގައި އެފަދަ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް އެއް ހަމައަކުން ފަހިކޮށްދީފައެވެ.
”ހުދުމުޚުތާރު ބޭފުޅެއްނަމަ އިދިކޮޅު ސިޔާސީ ވެރިން މިހާރު ތިބޭނީ ޖަލުގައި. ނަމަވެސް މި ސަރުކާރުން އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލާފައެއް ނުވާނެ،“ ރައީސް ވިދާޅުވިއެވެ.
އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރިން ކާނިވާ ސަރަޙައްދުގައި އެކަނި އެއްވެ އުޅުމުގެ ހުއްދަ އޮތް ނަމަވެސް، މިހާރު މާލޭގެ 5 ސަރަޙައްދެއްގައި އެއްވެ އުޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ކައުންސިލްތަކާއި، މުއައްސަސާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމާއި ޑިމޮކްރަސީ އެންމެ ބޮޑަށް ފައްކާވެފައިވާ ޒަމާން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހަކަށް ހެދުމަށް ނިންމާފައިވަނީވެސް ޑިމޮކްރަސީގެ ނިޒާމު އިތުރަށް ވަރުގަދަކޮށް، ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

