ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު ތަކެތި ތަހުލީލުކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަން ވަނީ ކަށަވަރު ކުރެވިފައެވެ.
އަތުލައިގަނެވުނު މި ތަކެތީގެ ބާޒާރުގެ އަގު ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ.
މި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ.

