އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ ފަހުގެ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ފޯރުކޮށްދީފިއެވެ.
މިއީ އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ހާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ތައާރަފުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީ.އީ ހެލްތްކެއަރގެ ”ވިވިޑް E95“ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެވެ.
މި ސިސްޓަމް ތައާރަފުކުރުމަށްޓަކައި 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ހާއްސަ އެޕްލިކޭޝަން ޓްރެއިނިންގ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ޖީ.އީ ވިވިޑް E95 އަކީ ހިތުގެ ބައިތަކާއި، ހިތް މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެކެވެ. މި ސިސްޓަމްގެ ހާއްސަ ސިފަތަކުގެ ތެރޭގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ޚިދުމަތްތައް ތަރައްޤީކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް މި ސެޝަންގައި ބައިވެރިވެފައިވެއެވެ. މި ސިސްޓަމަކީ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދެވުނު ސިސްޓަމެކެވެ.
އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މިފަދަ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މި ސިސްޓަމް ގާއިމުކޮށް ހިދުމަތް ދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

