އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 555 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފިއެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމަ އިތުރަށް ފުޅާވަމުންދާ މި ދަނޑިވަޅުގައި އީރާނުގެ އާންމުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދަނީ ދެމުންނެވެ.
އީރާނުން މަޝްވަރާގެ މޭޒަށް އައުމަށް އެދިފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް، އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވަނީ އެ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ލާރިޖާނީ ވިދާޅުވީ އެމެރިކާއާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރުމުގެ ވިސްނުމެއް އީރާނުގެ ނެތް ކަމަށެވެ.
ލާރިޖާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިވަގުތު އީރާނުން ކުރަމުންދާ މަސައްކަތްތަކަކީ ހަމައެކަނި އަމިއްލަ ދިފާއުގައި ކުރަމުންދާ ކަންކަމެވެ. އަދި މި ހަނގުރާމައަކީ އީރާނުގެ އާމްޑް ފޯސަސްއިން އިސްވެ ފެށި ހަނގުރާމައެއް ނޫން ކަމަށާއި، އީރާނުން މަސައްކަތް ކުރަނީ ރައްދު ހަމަލާ ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން އަލްޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް 2025 ވަނަ އަހަރު ކުރިއަށްދިޔަ އެ މަޝްވަރާތައް މެދުކެނޑުނީ އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސިޔާސީ އަދި ސުލްހަވެރި ހައްލެއް ލިބިދާނެތޯ މިވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މި ހަނގުރާމަ ހުއްޓުވުމަށް ބާރުއަޅަމުންނެވެ.

