1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި 1,374,481 ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މިއަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މިގޮތުން، ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިފަހަރު ޖުމްލަ ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެއެވެ.
އޮންލައިންކޮށް ޒަކާތް ބަލައިގަންނަ ވަސީލަތްތައް:
- ދިރާގު: ދިރާގު އެޕް އަދި ޕޭ ވެބްސައިޓް
- އުރީދޫ: އެމް-ފައިސާ އެޕްލިކޭޝަން
- މޯލްޑިވްސް އިސްލާމިކް ބޭންކް (MIB): ފައިސާ މޮބައިލް އެޕްލިކޭޝަން
- ބޭންކް އޮފް މޯލްޑިވްސް (BML): މޮބައިލް އެޕްލިކޭޝަން
- ފަހިޕޭ އެޕްލިކޭޝަން
- އަވަސް އެޕް
- ބަނޑޭރި ޕޭ
ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކޭނެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ ތިރީގައިވާ ގޮތަށެވެ:
- 22 ފެބްރުއަރީން 09 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 13:00 އަށް.
- 10 މާރިޗުން 19 މާރިޗަށް: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރު 14:00 އަށް.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ (މޮޅު): 109 ރުފިޔާ
- ބާސްމަތީ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
އޮންލައިންކޮށް ޒަކާތް ދައްކަން ދަތި ފަރާތްތަކަށް ޚާއްޞަކޮށްގެން، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ގާއިމުކޮށްފައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނެވެ. ކައުންސިލްތަކުން ޒަކާތް ބަލައިގަތުމުގައި ބޭނުންކުރާނީ ”ފިޠުރު ޕޯޓަލް“ އެވެ. މި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުން، އެ މުޢާމަލާތުގެ ކަށަވަރުކުރުން އެސް.އެމް.އެސް މެދުވެރިކޮށް ވަގުތުން ލިބޭނެއެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ، އިސްލާމްދީނުގެ މުހިންމު އަޅުކަމެކެވެ.

