ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމަށް ކުށް ސާބިތުވެ، އަމިން ކޮންސްޓްރަކްޝަނަށް ކުށް ސާބިތުނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު:ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުންކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިއީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާގެ ތެރެއިން 1.2 މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަން މެދުވެރިކޮށް މާރުކޮށް، އެ ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެޕާޓްމެންޓް ގަތް މައްސަލައެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ޑޮލަރު މާރުކުރަން އަމީން ކުންފުންޏަށް ޖަމާކުރިކަމާއި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފަކާ ހަވާލުކުރިކަން ސާބިތުވާ ކަމަށެވެ.

މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީގައި ހުކުމްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މައްސަލަ ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިއަދު އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމައި، ހެކި ގަރީނާ ވަޒަންކުރުމުގައި ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށެވެ. އަދި މި މުއާމަލާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށް ސާބިތުވީ އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެންކަމަށްވާއިރު، ހަމަ އެ މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބެލެވޭ ކަމަށެވެ.

ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެ ކޯޓަށް ތަޙްވީލުކޮށްދެއްވުމަށެވެ.

މީގެ އިތުރުން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން، އަމީން އެވެނިއުގެ ދެ އެޕާޓްމެންޓަކުން (A1205 އަދި A1206) މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް ޕީޖީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: