ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019 ސިއްސުވާލި މަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު ފެށިގެން ގޮސް ނިމުމަކާއި ހަމައަށް ދަނިކޮށް މުޅި ގައުމު ސިއްސުވާލީ ރަހުމްކުޑަގޮތަކަށް މަރާލާފައިވާ އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަންގެ މަރާއެކުގައެވެ. އަމާންކަމާއި އެކު އަހަރު ނިންމާލެވޭނެ ކަމުގެ އުންމީދުގައި ތިއްބާ އަހަރުގެ އެންމެ ފަހު މުޖްތަމައުތެރޭގައި ބިރުވެރިކަން އުފެދި ސިހުން ގެނުވީ މި ދެންނެވި ޓެކްސީ ޑްރައިވަރު ގާސިމް ގެ މަރާއި ގުޅިގެންނެވެ.

ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ އިހާނެތި ގޮތަކަށް، ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި ގާސިމް ފެނުނީ ހުޅުމާލޭ ރީތިގަސްމަގުންނެވެ. އޭނާ ވެއްޓިފައި އޮތް ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި އޭނާ ދުއްވި ކާރުވެސް އޮތެވެ.

ގާސިމްގެ މަރާއި ގުޅޭ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އަދްހަމް މުހައްމަދެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި، ފޭރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ގާސިމް ހަސަންގެ ގާތިލް ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދު

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދިނެވެ.

އަދުހަމް އާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މާލޭގައި ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު އަދުހަމް ހުޅުމާލެ ގޮސްފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދުވާލު ގަޑީގައި ވެސް ފޭރެން މަސައްކަތްކޮށްފައި ވީ ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން، ގާސިމްއަށް ހަމަލާ ދިން ދުވަހަކީ ހުޅުމާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރު ދުވަހެއްކަމުން ދުވާލު ގަޑީގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަން އެނގުނު ކަމަށް އަދުހަމް ވަނީ ތަހުގީގަށް ކިޔާދީފައެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު، އޭނާގެ ކާރު އޮތީ މަގުމަތީގައި އޮތް ޕެލެޓަކަށް އަރާފައި

އަދުހަމް، ވަނީ ގާސިމްއަށް ހަަމަލާ ދިނުމުގެ ތެރެއިން އިތުރު ޓެކްސީއަކުންވެސް ފޭރެން މަސައްކަތްކޮށްފައެވެ. ހުޅުމާލެއިން ޓެކްސީ ނަގައިގެން އޭނާ ދިޔައީ އެއާޕޯޓަށެވެ. އެހެން ނަމަވެސް، އެކި ގޮތްގޮތުން ޑްރައިވަރާއި ދެކެވުނު ވާހަކައިގެ ތެރެއިން އެ ޑްރައިވަރުގެ އަތުން ފައިސާ އަތުލެވޭނެ ގޮތެއް ނެތްކަން އޭނާއަށް ޔަގީން ވީ ކަމަށެވެ.

މީގެ އިތުރުންވެސް މިއަހަރު ގަސްތުގައި މީހަކު މަރާލިކަމުގެ އިތުރު ދެ މައްސަލައެއް ފެންމަތިވެފައެވެ. ނަމަވެސް، އެއީ އާއިލީ އަދި ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ހިގާފައިވާ މަރުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: