ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019: މަޖިލީހަށް ބާރު ބޮޑު “އަވަދި ނެތް” އަހަރެއް

މަޖިލީސް ޖަލްސާއެއްގެ ތެރެއިން - ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2019ވަަނަ އަހަރަކީ މަޖިލީހުގެ ތާރީޚުގައިވެސް މަޖިލީހަށް އެންމެ ބުރަ، އަދި އެންމެ ގިނަ ވަގުތު މަސައްކަތްކުރި އަހަރެވެ. ހަމައެހެންމެ އެންމެ ގިނަ ވަގުތު މަޖިލީހުގައި މަސައްކަތް ކުރީވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން ބަލާއިރު، ދުވާލަކު 8 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކޮށް، މުހިއްމު އެތައް ބިލެއްގެ މަސައްކަތް މި މަޖިލީހުގައި ކޮށްފިއެވެ.

މިދިޔަ އަހަރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރި ބައެއް މުހިއްމު ބިލްތަކަށް ބަލާލާނަމަ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހު ބިލު މަޖިލީހުން ފާސްކުރައްވާފައި ވަނީ، 16 ސެޕްޓެމްބަރ 2019އިގައެވެ. އެ ބިލަކީ 5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެ ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ޞިނާޢަތް ކުރިއަރުވައި، ތަރައްޤީކޮށް، އެ ޞިނާޢަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

null

މީގެ އިތުރުން، ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލާއި ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ސަޤާފީ ތަރިކައިގެ ބިލަކީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ސަޤާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ ޢަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނުގެ ބިލެވެ.

މަޖިލީސް ޖަލްސާއެއްގައި މެމްބަރު އިލްޔާސް ވާހަކަދައްކަވަނީ – ފޮޓޯ މަޖިލިސް

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާޙް ހުށަހަޅާފައިވެއެވެ. އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

ސަރުކާރުގެ ފަރާތުން، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލު، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ.

މަޖިލީސް ޖަލްސާއެއްގައި މެމްބަރު އީވާ ވާހަކަދައްކަވަނީ – ފޮޓޯ މަޖިލިސް

އޭގެ ތެރެއިން ވިސްލް ބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލަކީ ކޮރަޕްޝަން ހުއްޓުވަން މައުލޫމާތު ދޭ ފަރާތަަށް ހިމާޔަތް ދިނުމުގެ މަޤްސަދުގައި ގެނައި ބަދަލެކެވެ.

މީގެ އިތުރުން، މަޖިލީހުން 2019 ވަނަ އަހަރު ފާސް ކުރި ކަންކަމުގެ ތެރޭގައި، ސަރުކާރު ފަރާތުން، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް ހިމެނެއެވެ.

ހަމައެހެންމެ، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލްގެ މަސައްކަތްވެސް ކުރީ 2019 ވަނަ އަހަރެވެ.

މަޖިލީސް ޖަލްސާއެއްގައި މެމްބަރު އާޒިމް ވާހަކަދައްކަވަނީ – ފޮޓޯ މަޖިލިސް

 2019 ވަނަ އަހަރު، ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލާއި، ސަރުކާރުގެ ފަރާތުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ، ރިޔާސީ ކޮމިޝަންތަކުގެ ބިޅާއި، ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ވެސް 2019 އަހަރު ފާސްކުރި ބިލްތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ.

އިތުރަށް މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެރޭގައި ހިމެނެނީ، ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ބިލު، ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އިންތިޤާލީ އިންޞާފުގެ ބިލު، ސަރުކާރުގެ ފަރާތުން، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު، ސަރުކާރުގެ ފަރާތުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މަޖިލީސް ޖަލްސާއެއްގައި މެމްބަރު މީކާއިލް ވާހަކަދައްކަވަނީ – ފޮޓޯ މަޖިލިސް

ސަރުކާރުގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ޢަދުލުގެ ބިލު، ސަރުކާރުގެ ފަރާތުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު ފާސްކުރީ 2019 ވަނަ އަހަރުއެވެ.

2019ވަނަ އަހަރު ދައުރުން ބޭރުގައި، ކޮށްފައިވަނީ އެންމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމުގެ މަސައްކަތެވެ.

ޓެރަރިޒަމް، މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވީ، 10 އޮކްޓޯބަރ 2019އިގައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެ ޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަޙްޤީޤުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމާއި، ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް މި ޤާނޫނުގައި ކަނޑައެޅުމަށްޓަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: