ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅައި، ގަސްދުގައި ސަރުކާރަށް ޖެއްސުންކުރުމުގެ ސިޔާސަތެއް އެމްޑީޕީގެ މާލެ ސިޓީގެ މޭޔަރާއި އެ ޕާޓީން ގެންގުޅެމުންދާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން ޕާޓީން މިރޭ ވަނީ ގަލޮޅު އުތުރު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވާފަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ، 2023 ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުކުރި މައިގަނޑު ސަބަބުތައް މިއަދު ހާސިލްވަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާ އިހުލާސްތެރި މަސައްކަތުން، ރާއްޖެ ކުރިން އޮތް ނުރައްކާތެރި މިސްރާބުން ސަލާމަތްކޮށް، އަމާން ބަނދަރަކަށް މިސްރާބު ޖަހާފައިވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު، މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެއްވި ކަމަށެވެ. ނަމަވެސް، މޭޔަރުގެ ގޮނޑި އެމްޑީޕީއަށް ލިބުނު ހިސާބުން އެ ހުރިހާ މަސައްކަތްތަކެއް ހުއްޓުމަކަށް މިހާރު އައިސްފައިވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
އެގޮތުން ސަރުކާރަށް ކަންކަން ނުވާކަމަށް ދެއްކުމަށް ގަސްދުގައި، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސިޓީ ކައުންސިލްގެ މޭޔަރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ ސިޓީ ކައުންސިލްގެ މޭޔަރު އަމިއްލަ މަންފާއަށް ވިސްނައި، ސިޔާސީ ވިސްނުން އިސްކުރުމުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ އެތައްކަމެއް ވަނީ ފުރިހަމަ ނުވެ ކަމަށެވެ.
ގަސްދުގައި ސަރުކާރަށް ކަންތައްތައް ނުވާކަން ދެއްކުމަށާއި، ރައްޔިތުންގެ މެދުގައި ސަރުކާރަށް ނަފުރަތު އުފެއްދުމަށް އެމްޑީޕީގެ މޭޔަރެއް މިއަދު ހުރީތީ މަސައްކަތް ކުރަމުންދާ މަންޒަރު މި ފެންނަނީ. މިކަމުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް މިއަދު އޮތީ މަރުތަޅު އެޅިފައި
ލާމަރުކަޒީ ނިޒާމުގެ ތެރެއިން މޭޔަރަކީ ކައުންސިލްގެ ސިޔާސަތުތަކާއި މަސައްކަތްތައް އަވަސްކޮށް ލަސްކުރުމުގެ ބާރު އޮތް މުވައްސަސާއެއްކަމަށް ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެމްޑީޕީއަށް މާލޭގެ މޭޔަރުކަން ދީފިނަމަ ކައުންސިލްގެ ތެރެއިން ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ފަހިވާނެ އެއްވެސް ކަމެއް ނުފެންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މާލެ ސިޓީ ކައުންސިލަކީ އެމްޑީޕީގެ މައި ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާތަން ފެންނާނެކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި އެކު އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރު ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވައި، ސަރުކާރަށް މެޖޯރިޓީ ދިނުމަކީ ރައްޔިތުންގެ އަޑު ސަރުކާރުގެ ތެރޭގައި އިއްވުމަށް އޮތް އެންމެ ރަނގަޅު މަގުކަމަށް ވިދާޅުވިއެވެ.

