ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް “ކައްޕި”އެއް ހޮވުމުގައި އެމްޑީޕީ ދެ ކަފިނުވީ ހަމަ ކިރިޔާ

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2019ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާއި ހަމައަށް އައި އިރު 18ވަނަ މަޖިލީހާިއ މެދު އެމްޑީޕީ އޮތީ ހިތްހަމަނުޖެހިފައެވެ.

ކޯލިޝަންއެއްގެ ތެރެއިން ވެރިކަމަށް އައި ނަމަވެސް އެކުގައި މަޖިލީސް އިންތިޚާބަށް ވާދަކުރަން އެ ޕާޓީތަކަކަށް އެއްބަސްވުމަކަށް ނާދެވުނެވެ. ޚާއްސަކޮށް އެމްޑީޕީއިން ގިނަ ގޮނޑިތަކަށް ވާދަކުރަން ބޭނުން ވުމާއި އެކު، ޖޭޕީ އާއި އަދާލަތުގެ އިތުރުން ރައީސް މައުމޫންއަށް ތާޢީދުކުރާ ފަރާތްތަކުން ވެސް ވާދަކުރެއްވީ ވަކިވަކިންނެވެ.

19 ވަނަ މަޖިލީހަށް މެމްބަރުން ހޮވިގެން އައި އިރު، އެމްޑީޕީއިން ހޯދީ އާދަޔާ ޚިލާފު ކާމިޔާބެކެވެ. އެގޮތުން ބަލާނަމަ އެމްޑީޕީއިން 65 ގޮނޑި ކާމިޔާބު ކުރި އިރު، މިއީ އެއް ޕާޓީއަކަށް މަޖިލީހުގެ އަޢުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއި، މަޖިލީހުގައި ޕާޓީތައް ވަކިން ވާދަކުރި ކުރުމުން ދޭހަވީ ކަމަކީ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީ މީހަކު ނޫން މީހަކު އައުމަކީ ނާދިރުކަމެއް ކަމެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމް ޖުމްހޫރީ ޕާޓީއަށް ދިނުމަކީ ކޯލިޝަން ސަރުކާރުން އެއްބަސްވީ ކަމެއްކަމަށް ބުނެ ޖޭޕީން އެކަމަށް ވަކާލާތުކުރިއެވެ. އެހެންނަމަވެސް އެމްޑީީޕީއަށް ލިބުނު ބޮޑު މެޖޯރިޓީގެ ސަބަބުން އެ ވަކާލާތުކުރުމަށް ބާރުވެރިވާން މެމްބަރުންވެސް ބޭނުމެއް ނުވިއެވެ.

މަޖިލީހުގެ ރައީސްކަމަށް އޭރު ވާދަކުރައްވަން ނިންމެވި މެމްބަރު އަފީފްއާއި މެމްބަރު އަސްލަމް: ފޮޓޯ ސަންގު

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން، ވާދަކުރައްވަން ނިންމެވީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އެ ދެބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ މީސްމީޑިއާގައިވެސް ސަޕޯޓަރުން ދިޔައީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެ ދެބޭފުޅުންނަށް ތާޢީދުކުރާ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއްވެސް ރައްދުކޮށްފައިވެއެވެ.

އެ ހާލަތުގައި ކޮންމެ ބޭފުޅަަކަށް ރައީސްކަން ލިބުނަސް އެމްޑީޕީގެ މަސްލަހަތަށް އެކަމުން ބުރު އަރާނެކަމުގެ ވާހަކަ އައީ ދެކެވުމުންނެވެ. އަދި ސޯޝަލް މީޑިއާ ހޫނުވެ، މުޅި އެމްޑީޕީވެސް ދެކަފިވާން ކައިރިވެފައިވަނިކޮށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ނަން އަނބުރާ ގެންދިއުން ވީ އެތައް ބަޔަކަށް ސިހުން ގެނައިކަމަކަށެވެ.

ދެ ބޭފުޅުންވެސް ނަން އަނބުރާ ގެންދަވާފައި ވަނީ ޕާޓީއަށް ބައިބައިވުމެއް އައުމަށް ނޭދޭތީކަން ވަނީ ހާމަކުރައްވާފައެވެ. ހާއްސަކޮށް، މަޖިލީސް ރައީސްގެ ބަހުސްގެ ތެރެއިން ޕާޓީ އާއި ގުޅުމެއް ނެތް އެތައް ބަޔަކު، ޕާޓީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކޮށްފައިވާކަމަށް އެ ބޭފުޅުން ތުހުމަތުކުރެއްވިއެވެ.

އެ ދެ ބޭފުޅުންގެ ނަން އަނބުރާ ގެންނަވާ މަޖިލީސް ރައީސްގެ މަގާމަށް ރައީސް ނަޝީދުގެ ނަން ހުށަހެޅުމުން އެމަނިކުފާނު ވަނީ ތަނާޒުލުވެވަޑައިގަންނަވާފައެވެ. އަދި އެކަމަށް ދެކޮޅު ވެސް ހެއްދެވިއެވެ. އެހެންނަމަވެސް އިންތިހާބީ މެމްބަރުން ވަނީ ރައީސް ނަޝީދު އެ ހުށަހެޅުން ގަބޫލު ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މެމްބަރުން އެފަދައިން އެދިލެއްވުމާއި އެކު، ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގާތް ދުވަސްވީ ރަަހުމަތްތެރިއަކަށް ފޯނުކޯލެއް ކުރުމަށް ބޭނުންފުޅުވާކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ ސަންގު

އެ ފޯން ކޯލް ކުރެއްވީ ކޮންބޭފުޅަކަށް ކަން ރައީސް ނަޝީދު ހާމަނުކުރެއްވި ނަމަވެސް، ބެލެވޭގޮތުގައި އެ ފޯނުކޯލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ.

އެ ފޯނުކޯލަށް ފަހު ރައީސް ނަޝީދުވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައެވެ. މަޖިލީސްހުގެ ރައީސްކަމަށް ރައީސް ނަޝީދުގެ ނަން ހުށަހެޅުމަށް ފާސްވި އިރު، މަޖިލިސް ނައިބު ރައީސް ކަމަށް ގެންނަން ފާސްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ނަންފުޅެވެ. އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތުމާއި އެކު އެ ދެބޭފުޅުން މަޤާމަށް ހޮވަން އެމްޑީޕީން ނިންމި ހިސާބުން މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން އޮތީ ކަށަވަރު ވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގައި މެމްބަރު އީބާ ވާހަކަދައްކަވަނީ: ފޮޓޯ ސަންގު

މެއިމަހުގެ 28 ވަނަ ދުވަހު ބޭއްވި އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހޮވިވަޑައިގަތެވެ.

މަޖިލީހުގެ ރައީސްކަން ރައީސް ނަޝީދަށް ލިބިވަޑައިގަތީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ވާދަ ކުރައްވައިގެންނެވެ. އެ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ނަޝީދަށް 67 މެމްބަރުން ވޯޓު ދެއްވި އިރު، ގާސިމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ. އަދި އެއް ވޯޓު ވަނީ ބާތިލުވެފައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސަކު ސިއްރު ވޯޓަކުން އިންތިހާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލިއެވެ. އެ ފަސް މެމްބަރުންގެ ނަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުސެއިންއެވެ. އަދި ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބުގެ ކަންކަން ބެލުމަށް ކަނޑައެޅި ކޮމިޓީގައި ތިއްބެވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން، އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު، ނައިފަރު ދާއިރާ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލިހަށް ހޮވިވަޑައިގެންނެވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: