މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ މަސްވެރިކަން ރަނގަޅު މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ހަ ރަށެއްގެ އައިސް ޕްލާންޓުގެ މަސައްކަތް ނިމި، އެ ތަންތަނުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެއީ ގއ. ގެމަނަފުށި، ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫ ގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުތަކެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 23 އައިސް ޕްލާންޓެއްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިހާރު ނިމިފައިވާ އައިސް ޕްލާންޓުތަކުގެ ތަފްސީލަށް ބަލާއިރު، ގެމަނަފުށީގައި ގާއިމުކޮށްފައިވަނީ 50 ޓަނުގެ އައިސް އުފައްދައި 100 ޓަނު ރައްކާކުރެވޭ ޕްލާންޓެކެވެ. ދެއްވަދޫގައި 25 ޓަނުގެ އައިސް އުފައްދައި 30 ޓަނު ރައްކާކުރެވޭއިރު، ފުނަދޫ، މީދޫ އަދި ބަނޑިދޫގައި ހުރީ 30 ޓަނު އުފައްދައި 50 ޓަނު ރައްކާކުރެވޭ ޕްލާންޓުތަކެވެ. ޝިޔާމް ވިދާޅުވީ މިހާރުވެސް ނުވަ ރަށެއްގައި އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން ލ. މާބައިދޫ، މ. ވޭވަށް، ޅ. ނައިފަރު، ށ. ކޮމަންޑޫ، މ. މުލަށް، ލ. މާވަށް، ލ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ދ. ހުޅުދެލީގައި އައިސް ޕްލާންޓު އެޅުމުގެ އަމަލީ މަސައްކަތާއި ލިޔެކިޔުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 5 އައިސް ޕްލާންޓެއް އެޅުމަށް އިއުލާނުކޮށްފައިވާ ކަމަށާއި، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ގއ. މާމެންދޫ އާއި ގއ. ވިލިނގިލީގައިވެސް މިއަހަރު އައިސް ޕްލާންޓު ގާއިމުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން އުންމީދު ކުރަނީ މިއަހަރުގެ ތެރޭގައި މި ހުރިހާ އައިސް ޕްލާންޓުތަކެއް ގާއިމުކޮށް ނިމުމުން، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިންނަށް އައިސް ނުލިބިގެން ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

