ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ބޯހިމަނައި، މިއަހަރު ތެރޭގައި އެގްރިކަލްޗާ ޑާޓާ އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ”އެގްރިކަލްޗާ ސެންސަސް“ ނުވަތަ ދަނޑުވެރިންގެ ބޯހިމެނުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ސައްހަ މައުލޫމާތު ދެނެގަނެ، އެ ދާއިރާ އިތުރަށް ތަރައްގީކުރުމެވެ.
ވަޒީރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ބޯހިމެނުމަށް ބޭނުންވާ ސުވާލު ކަރުދާސް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. އަދި މި ސުވާލު ކަރުދާސްތަކުގެ ޕްރީ-ޓެސްޓިން މަރުހަލާވެސް މިހާރު ނިމިފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަމަށް ހާއްސަކޮށްގެން ދޫކުރާ ”ނަފާ ލޯނު“ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 54 ފަރާތަކަށް މި ލޯނު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ފިރިހެން ދަނޑުވެރިންނާއި، 5 އަންހެން ދަނޑުވެރިންގެ އިތުރުން ދަނޑުވެރިކަން ކުރާ 5 ކުންފުންޏެކެވެ.
މީގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ 31 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްތަކުގައި ޖުމްލަ 845 ފަރާތަކުން ބައިވެރިވެ، ދަނޑުވެރިކަމުގެ އުކުޅުތަކާ ގުޅޭ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެގްރިކަލްޗާ ޑާޓާ އެޕްލިކޭޝަން ވުޖޫދުވުމުން، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ދަނޑުވެރިންގެ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

