މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަ ނުޖެހޭތީ އެކަން ހައްލު ކުރުމަށްޓަކައި ކޮންޓްރެކްޓަރ އާއި އެކި ގޮތްގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށްފައި ވާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވަނީ، ސަރުކާރުގެ އެކި މަޝްރޫއުތައް ކުރިޔަށްދާގޮތާއި، ބައެއް ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފަ އެވެ. އަދި ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ ގިނަ މައުލޫމާތުތައް ވެސް ހިއްސާ ކުރެއްވިޮ އެވެ.
މިއަދުގެ ޕްރެސްގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން މުއްތަލިބު ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ނިންމުމަށްޓަކައި، އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއި އެކު ވަރަށް ގިނަ މަޝްވަރާތައް ކުރެވިފައިވާކަމަށެވެ.
މުއްތަލިބު ވިދާޅުވީ މިހާރު ކަނޑައެޅިފައިވާ ތާރީހަށް ބްރިޖުގެ މަސައްކަތް ނުނިމޭނެކަން ސަރުކާރަށް ކަށަވަރުވާ ކަމަށެވެ. އަދި މިފަދަ ބޮޑު މަޝްރޫއެއްގައި ކޮންޓްރެކްޓަރަށް އައު މުއްދަތެއް ނުދީ، މަސައްކަތް ލަސްވާތީ ޖޫރިމަނާ ކުރަން ފަށައިފިނަމަ ނުވަތަ ކޮންޓްރެކްޓަރު ބަދަލުކޮށްފި ނަމަ، މަޝްރޫއަށް ނޭދެވޭ އަސަރުތަކެއް އަންނާތީ އެކަމަށް ވެސް ރިއާޔަތް ކުރަންޖެހޭކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިއީ ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ކޮންޓްރެކްޓަރު ބަދަލުކުރުމުން ނުވަތަ ލިކިއުޑޭޓަޑް ޑެމޭޖަސް ކަނޑަން ފެށުމުން މަޝްރޫއަށް އަންނާނެ އިމްޕެކްޓާ މެދު ވިސްނަންޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކޮންޓްރެކްޓަރަށް ބޭނުންވާ އިތުރު ވަގުތު ދީގެން ނަމަވެސް، މަޝްރޫއު ހުއްޓުނަ ނުދީ ވީހާވެސް އަވަހަކަށް ނިންމުންކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ދެން ފާހަގަކުރި ތިލަމާލެ ބްރިޖުގެ ވާހަކަ. އަޅުގަނޑުމެން އެކަމުގެ، އެކަމުގެ ވަރަށް ގިނަ މަޝްވަރާތަކެއް ކޮންޓްރެކްޓަރާއެކު ވެސް ކުރަމުން އެބަ ގެންދަން. ކޮންޓްރެކްޓަރަށް އެ މުއްދަތު ދިނުމަށް އަޅުގަނޑުމެން މި ދަންނަވަނީ، މުއްދަތު ދިނުމުގެ ކުރިން ކޮންމެ ގޮތަކުން ވެސް އަޅުގަނޑުމެންނަށް އެނގޭ މިހާރު ކަނޑައެޅިފައި އޮތް ތާރީޚަށް ނުނިމޭނެކަން. އެހެންވީމަ އެ ތާރީޚަށް ނުނިމޭކަމުގައިވާނަމަ ދެން ކަންތައް ކުރާނީ ކިހިނެއްތޯ؟ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް، އަޅުގަނޑުމެން ވަގުތުން މުއްދަތު ނުދީ، ކޮންޓްރެކްޓަރަށް މި ފައިން ކުރާ ގޮތަށް.. ލިކިއުޑޭޓަޑް ޑެމޭޖަސް ކަނޑާ ގޮތަށް ފަށައިފި ކަމަށް ވަންޏާ ޕްރޮޖެކްޓަށް އަންނާނީ ކޮން އިމްޕެކްޓެއްތޯ؟ އެ ކޮންޓްރެކްޓަރު ބަދަލުކޮށްފަ އެހެން ކޮންޓްރެކްޓަރެއް ގެންނަ ކަމަށް ވަންޏާ ދެން އަންނާނީ ކޮން އިމްޕެކްޓެއްތޯ؟ މިއީ މިވަރުގެ ބޮޑު ފަސްސަތޭކަ މިލިއަން ރުފިޔާ ވަރުގެ ބޮޑު… ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއްގެ ވިސްނަން ޖެހޭ ކަންތައްތައް. އެހެންވީމަ ކޮންޓްރެކްޓަރާ ވަރަށް ބޮޑު ވާހަކަދެކެވެމުން ދޭ.. އެބޭފުޅުން ބޭނުންވާ ޓައިމް ދީގެން މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމުމަށްޓަކައި.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންޓްރެކްޓަރުގެ ފަރާތުން ބައެއް ކަންކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންޓްރެކްޓުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވާތީ، އެ މައުލޫމާތު މިވަގުތު އާންމުކުރެވެން ނެތްކަމަށް ވިދާޅުވިއެވެ. މިއާއި އެކު މިހާރުވެސް ކޮންސަލްޓަންޓް މެދުވެރިކޮށް ކޮންޓްރެކްޓަރާއެކު މުހިންމު މަޝްވަރާތަކެއް ދަނީ ކުރެވެމުންދާކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ވީހާވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވި، މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
މަސައްކަތް ކުރިޔަށްދާ ގޮތާއި މެދު ހިތްހަމަނުޖެހޭތީ، ނުވަތަ މާބޮޑެތި ލަސްތަކެއް އަންނާތީ ކޮންޓްރެކްޓަރުގެ އެއްބަސްވުން ބާތިލުކޮށް، އާ ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ ވަރަށް ގިނަ މައްސަލަތަކެއް އުފެދިދާނެކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮންޓްރެކްޓަރު އާބިޓްރޭޝަނަށް ގޮސް މަޝްރޫއު ހުއްޓުމަކަށް އައުމުގެ ފުރުސަތު އޮތްއިރު، އަނެއްކާ ވެސް އިތުރު ކޮންޓްރެކްޓަރެއް ނަގައިގެން މަސައްކަތް ކުރިޔަށް ގެންދާނަމަ މާބޮޑެތި ލަސްތަކެއް އަންނާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް މަސައްކަތް ހަލުވިކުރެވޭނެ ގޮތެއް ހޯދުމަށްކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސިނަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް 30 އިންސައްތައަށް ވެސް އަރާފައި ނުވާކަމަށާއި، މިހާރު އެއަށްވުރެ ބޮޑު ކުރިއެރުމެއް ހޯދައި މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

