ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން އެކި ސަބަބުތައް ދައްކައި ބިންތައް ދޫކުރުން ލަސްކުރޭ، އެލްޖީއޭއާއި ހަމައަށް ދާންޖެހޭ ފަހަރު ވެސް އައި: މުއްތަލިބު

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝްރޫއުތައް މަޑުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކައުންސިލްތައް މެދުވެރިކޮށް ލިބެން ޖެހޭ ބިންތައް ހަމަނުޖައްސައި ލަސްކުރުން ދާތީ، އެފަދަ ކަންކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ތެރެއިން ހައްލު ކުރަން ޖެހޭ ފަހަރުތައް ވެސް އައިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި އެކި ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައިދެއްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނުހިނގާާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އިދިކޮޅު މެޖޯރިޓީ އޮންނަ ބައެއް ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން ބައެއް ހުއްދަތައް ނުދީ ހިފަހައްޓަމުންދާ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުއްޓިފައިވަނީ ކޮން މަޝްރޫއުތަކެއްތޯއާއި، އެކަމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ”ސަންގު“ އިން ސުވާލު ކުރުމުން ޖަވާބުގައި މުއްތަލިބު ވިދާޅުވީ މަޝްރޫއުތައް މަޑުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ބިން ނުލިބި ލަސްވުން ކަމަށެވެ. އެގޮތުން ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ހަނިމާދޫގެ މަޝްރޫއުތަކަށް ބިން ނުލިބިގެން، އެންމެ ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ބިން ނަގަން ޖެހުނުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި 13 ރަށެއްގައި ހައުސިންގ މަޝްރޫއު ކުރިއަށް ގެންދަން ބަލާއިރު ބިން ކަނޑައެޅުމުގައި ލަސްތަކެއް އެބަހުއްޓެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ފުވައްމުލަކުގައި ކައުންސިލުން ފުރަތަމަ ކަނޑައަޅައި ދިނީ ޗަކަ ބިމެއް ކަމަށެވެ. އެތަން ކަމުނުދާތީ ބަދަލުކުރަން އުޅުމުންވެސް ދަތިތަކާ ކުރިމަތިވީކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ކައުންސިލްގެ އެއްބާރުލުން ނުލިބިގެން މަޝްރޫއުތައް މަޑުޖެހޭ ދެތިން ސަބަބެއް އެބަހުރި. އެއް ސަބަބަކީ ބިން ނުލިބި ލަސްވުން. އޭގައި މީ ކައުންސިލްގެ ކޮންމެ ގޮތެއްވިޔަސް ތަފާތު ސަބަބުތަކެއްވެސް ދައްކާ. މިސާލަކަށް… އަޅުގަނޑުމެން ދަންނަވާކަމުގައިވާނަމަ، ހިރިމަރަދޫ މޫވްކުރުމާ، ހަނިމާދޫގެ ކަންތައްތައް އަޅުގަނޑުމެންނަށް ބިން ނުލިބިގެން އެންމެ ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން އަޅުގަނޑުމެން އެލްޖީއޭ މެދުވެރިކޮށް ބިން ނެގީ.. އެހެންވީމަ އެގޮތަށް މަޝްރޫއުތަކެއް އެބަހުރި ހައުސިންގ މަޝްރޫއުތަކެއް ވެސް ހުންނާނެ ބައެއް ތަންތަން އަޅުގަނޑުމެން ހަމަ އެލްޖީއޭ މެދުވެރިކޮށް.. ނަގަންޖެހި ހިސާބަށް. އެހެންނަމަވެސް އެ ހިސާބަށް ދާތަނުން ވެސް އަޅުގަނޑުމެންނަށް ބައެއް ކައުންސިލްތަކުން އެ ބިންތައް ލިބިފައިވެސް އެބަހުރި..

މަގު ހެދުމުގެ މަޝްރޫއުތަކުގައި ކައުންސިލުން ޖަހަންޖެހޭ ތައްގަނޑު ނުޖަހައި ހިފެހެއްޓުމާއި، ކޮންޓްރެކްޓަރ ހިލާފަށް އިތުރު މަގުތައް ހިމަނަން އެދި ޕްރޮޖެކްޓް ލަސްކުރާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުއްތަލިބު ވިދާޅުވީ ކައުންސިލްތަކުން ބޭރުފުށުން މަޝްރޫއު ބޭނުންވާކަމަށް ދެއްކި ނަމަވެސް، އަމަލީ ގޮތުން މަސައްކަތް ކުރިއަށްދާން ޖެހޭ ސްޕީޑުގައި އެއްބާރުލުމެއް ނުދޭ ކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީން ބުނަމުން ދަނީ މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މަޝްރޫއުތަކަށް ހުރަސްއަ ޅަނީ ކޮންކޮން ކައުންސިލްތަކަކުންކަން ސަރުކާރުން ސީދާ ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: