ރާއްޖެ އައުމަށް ތާވަލް ކޮށްފައިވާ 53 ފްލައިޓުން 18 ފްލައިޓް މިއަދު އެކަނި ވެސް ކެންސަލްވިކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރ އަމީން ބައިވެރިވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އޭގެ އަސަރު ކުރަމުންދާކަމަށެވެ.
އެގޮތުން މިއަދުގެ ހާލަތަށް އެކަނި ބަލާއިރު ވެސް ރާއްޖެއަށް 53 ފްލައިޓް އައުމަށް ޝެޑިއުލްކޮށްފައި ވަނިކޮށް އޭގެތެރެއިން 18 ފްލައިޓް ކެންސަލްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކެންސަލް ވީ ފްލައިޓުތަކުން މުޅި އިންޑަސްޓްރީއަށް ދަތިތަކެއް ކުރިމަތިވިކަން އަމީން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ހާލަތު ގޯސްވުމަށް ފަހު، ފްލައިޓުތަކުގެ ދަތުރުތަކަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ.
އިތުރު އެހެން ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ކުރިން ރާއްޖެ އައިސްފައި ތިބި ފަތުރުވެރިންނަށް އެނބުރި ގައުމަށް ދިޔުމުގައި ދަތިތައް ދިމާވެފައިވުމެވެ.
މިވަގުތު ރާއްޖޭގައި ތާށިވެފައި ގާތްގަނޑަކަށް 397 ފަތުރުވެރިން ތިބިއިރު، ސަރުކާރުން ހަމަޖެއްސި އިންތިޒާމުތަކާއި އެކު އެއާޕޯޓު ފެސިލިޓީތަކުގައި 110 ފަތުރުވެރިން ނުފުރިފައި އެބަތިބިކަމަށް އަމީން ވިދާޅުވި އެވެ.
ބައެއް ސަރަހައްދުތަކުގެ އެއާރ ސްޕޭސް ބަންދުގައި އޮތުމަށް ފަހު، ދަތުރުތަކަށް ހުޅުވުމުން ކޮމާޝަލް ފްލައިޓްސް އޮޕަރޭޓުކުރަމުންދާކަން އަމީން ފާހަގަކުރެއްވި އެވެ. އެގޮތުން ރޭ އެމިރޭޓްސްގެ ރެސްކިއު ފްލައިޓެއް ރާއްޖެ އައިކަމަށް އަމީން ވިދާޅުވިއެވެ.
އޭޝިއާ ބައްރުން ޕެސެންޖަރ ކެޕޭސިޓީ ގިނަ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މެދު އިރުމަތިން އަންނަ ފްލައިޓްތައް ރިޕްލޭސް ކުރުމުގެ ގޮތުން މިހާރު ދަނީ ރަޝިއާއަދި ތުރުކީ އިން ފްރީކުއެންސީ ގިނަ ކުރުމުގެ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

