ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ، ލާމަރުކަޒީ ނިޒާމު ދަންނަކަމެއް ނޫން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް އިންތިހާބު ކުރާ މެމްބަރުންގެ އަސްލު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫންކަމަށާއި، އެއީ ލާމަރުކަޒީ ގާނޫނާ ހިލާފު ވާހަކައެއްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ ކެންޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުން ޖަލްސާގައި އައިފާން މިރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ރައްޔިތުންނަށް ”ވިއްކަން“ އުޅޭ އެންމެ ބޮޑު ވާހަކައަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި ސިޓީ މޭޔަރުންނާއި ކައުންސިލަރުންގެ ޒިންމާތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު ސަރުކާރަށް ފާރަވެރިވުމަކީ ކައުންސިލްގެ މެންޑޭޓެއް ނޫންކަމަށް އައިފާން ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އައިފާން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ލާމަރުކަޒީ ނިޒާމު ދަންނަ ވާހަކައެއް ނޫންކަމަށާއި، ކައުންސިލަރުންގެ ޒިންމާއަކީ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތަކާއި މުނިސިޕަލް ހިދުމަތްތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ރަށަށް ނުވަތަ ސިޓީއަށް ބޭނުންވާ ތަރައްގީ ގެނައުމަކީ ކައުންސިލްގެ މަސައްކަތްކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފިކުރުގައި ނުކުމެ އޮތް ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ”ސްޓްރެޓީޖިކް އެކްޝަން ޕްލޭން“ އަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ. އަދި ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގެ ވިސްނުން ހުރީ ހަމައެކަނި ކޮންގްރެސް ޕާޓީގެކަން މިއަދު ސާފުވާކަމަށް އައިފާން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން އިންތިހާބުގައި ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އައިފާން ވިދާޅުވީ، 2023 ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ވަރަށް ނާޒުކު އަނދަވަޅެއްގައި ކަމަށެވެ. ނަމަވެސް، ރައީސްގެ ހިކުމަތްތެރި ވިސްނުމާއި އެކު ވެއްޓިފައި އޮތް އިގްތިސާދީ ވަޅުގަނޑުން ސަލާމަތްކޮށް، ހާލަތު ރަނގަޅުވެގެން ދިޔަކަމަށް އައިފާން ވިދާޅުވި އެވެ.

މީގެއިތުރުން ރައްޔިތުންގެ ހުރި ޒަމާންވީ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ގެނެސްފައިވާއިރު، މާލޭ ރައްޔިތުންގެ ގޯއްޗާއި ބޯހިޔާވަހިކަން ފަދަ އެންމެ ބޮޑެތި މައްސަލަތަކަށް ވެސް ހައްލު ގެނެވިފައިވާކަމަށް އައިފާން ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން، ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އައިފާން ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: