ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒު ބޭނުންކޮށް ހެކި ނައްތާލިކަމަށް ބުނާ މައްސަލަ ފަރުހާދުގެ މައްޗަށް ސާބިތެއް ނުވޭ: އިހުސާން

ފުލުހުންގެ އިދާރާ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަރުހާދު ފިކުރީއާއި، ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ކުރީގެ ކޮމިޝަނަރ އަލީ ޝުޖާއު/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ކުރެވުނު ތުހުމަތުތައް ސާބިތުވެފައި ނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފަރުހާދު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

މީގެ ކުރިން، ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުން ވެސް ފަރުހާދާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރެވުނެވެ. ނަމަވެސް، އެ ނިންމުމާއެކު އަމާޒުވި ފާޑުކިއުންތަކުގެ، ހަމަ އެރޭ ނިންމުން ބަދަލުކޮށް، އިދާރާ ހިންގުން ނަވީންއާ ހަވާލުކުރެވުނެވެ.

ފަރުހާދުގެ މައްޗަށް ކުރެވުނު އެއް ތުހުމަތަކީ، 2025، 27 ޖެނުއަރީ ގައި އޭނާގެ ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެވެ.

މީގެއިތުރުން އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ފަރުހާދު ނައްތާލި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ.

މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، އިހުސާން ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާކަން ތަހުގީގުތަކުން ސާބިތުނުވާ ކަމަށެވެ.

ފަރުހާދަށް ބޮޑެތި ތުހުމަތުތައް ކުރެވޭއިރު، އަނެއްކާވެސް އޭނާއަށް މަސްއޫލިއްޔަތުތަކެއް ހަވާލުކުރީ ކީއްވެގެންތޯ މިއަދުގެ ޕްެރެސްގައި ނޫސްވެރިއަކު ސުވާލު ކުރުމުން އިހުސާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ކޮމިޝަނަރަކު ނެތް ހާލަތެއްގައި މުއައްސަސާ ހިންގާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ކޮމިޝަނަރަކު ނެތް ހާލަތެއްގައި އެ ވަގުތު ހުންނެވި އެންމެ އިސް ޑެޕިއުޓީ ކޮމިޝަނަރަކު މުއައްސަސާ ހިންގުމާ ހަވާލުވުމަކީ ގާނޫނުން އޮޓޮމެޓިކުން ހިނގާ އިޖުރާއަތެއްކަމަށް އިހުސާން ވިދާޅުވި އެވެ.

ފަރުހާދު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރިއިރު އޭނާގެ މައްޗަށް ތުހުމަތުތައް އޮތްކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި އިހުސާން ވިދާޅުވީ، ކޮންމެ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުނު ނަމަވެސް އަމަލުކުރަންޖެހޭ ސާފު ގާނޫނީ އިޖުރާއަތްތަކެއް ރާއްޖޭގައި އޮންނަ ކަމަށެވެ. އަދި ފަރުހާދާ ގުޅޭގޮތުން ފާހަގަކުރެވުނު މައްސަލަތައް ރާއްޖޭގެ ތިން މުއައްސަސާއަކުން ބަލާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ދެން އޮތީ ޑެޕިއުޓީ ކޮމިޝަނަރަކަމަށް އައްޔަން ކުރެވުނު އިރުގަ ކީއްވެގެންތޯ އަޅުގަނޑުމެން.. ފަރުހާދު ފިކުރީ ޑެޕިއުޓީ ކޮމިޝަނަރުކަމަށް އައްޔަން ކުރި އިރުގަ ތުހުމަތުތަކެއް އޮއްވާ ކުރީ. ދިވެހިރާއްޖޭގެ ގާނޫނުތަކުގަ މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވުނީމަ އަމަލު ކުރަން ޖެހޭ ވަރަށް ސާފު އިޖުރާއަތްތަކެއް އޮވޭ… އަޅުގަނޑުމެންނާ ހިސާބަށް އައި އިރުގަވެސް ތިވިދާޅުވި މައްސަލަތައް ރާއްޖޭގެ ތިން މުއައްސަސާތަކަށް ތްރޫ ކޮށްވެސް ބެލިފަ އެއިން އެއްވެސް ކަމެއްގަ ފަރުހާދު ފިކުރީއާ މެދުގަ އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ތަނުން ވަކިކުރުމަށް ނުވަތަ ޕްރޮމޯޝަން ހިފޭހެއްޓުމަށް ކަނޑައަޅާފައެއް ނެތް. އަދި ތިދެންނެވި ބާވަތުގެ މައްސަލަތައް ތަހުގީގުކޮށް ބެލި އެ މައްސަލަތަކުން ވަނީ އެގްޒޮނަރޭޓް ކޮށްފަ. މާނައަކީ އެ މައްސަލަތަކަކީ އެ ފަރާތުގެ މައްޗަށް ސާބިތުވާ މައްސަލަތަކެއް ނޫން ކަމަށް ކަނޑައަޅުއްވާފައި ހުރީ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެ މުއައްސަސާތަކުން މައްސަލަ ބެލުމަށްފަހު ފަރުހާދުގެ މައްޗަށް އެ ތުހުމަތުއް ސާބިތު ނުވާކަމަށް ވަނީ ނިންމާފަ އެވެ. އެހެންކަމުން، އޭނާއާ މެދު ފިޔަވަޅެއް އަޅަންޖެހޭނެ އެއްވެސް ސަބަބެއްނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މި އުސޫލަކީ ހަމައެކަނި ފަރުހާދަށް އޮތް އުސޫލެއް ނޫން ކަމަށާއި، ފުލުހުންގެ އިތުރުން އެހެން ޔުނީފޯމް މުއައްސަސާތަކުގެ ބޭފުޅުންނާ މެދުވެސް އަމަލުކުރާނެ އިންސާފުވެރި ގޮތް ކަމަށް ވިދާޅުވެފައެވެ.

ފަރުހާދަކީ ޕޮލިސް ބޯޑުން 2021 ގައި ވަޒީފާއިން ވަކިކުރަން ނިންމި ހަތް އިސް އޮފިސަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ، ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ.

އެ ނިންމުން ފަރުހާދު ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: