2025 ވަނަ އަހަރުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ޖުމްލަ 916 ޝަކުވާއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން 817 ޝަކުވާއެއް ރަޖިސްޓްރީކޮށްފައިވާއިރު، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން 99 ޝަކުވާއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ އިންސާނީ ހައްގުތަކާ ގުޅުންހުރި އެކި މައްސަލަތަކުގައި އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރި 817 ޝަކުވާގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރެއިން 743 ޝަކުވާއަކީ އާންމު ފަރުދުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
މީގެ އިތުރުން ކޮމިޝަނުން އިސްނަގައިގެން 74 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާއިރު، ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން 9 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.
އެންޓި ޓޯޗަރ ޤާނޫނު 2013ގެ ދަށުން ރަޖިސްޓްރީ ކުރި 99 ޝަކުވާގެ ތެރޭގައި ހިމެނެނީ އާންމު ފަރުދުންނާއި އެކި އިދާރާތަކުން ހުށަހެޅި 54 ޝަކުވާއަކާއި، ކޮމިޝަނުން އިސްނަގައިގެން ރަޖިސްޓްރީ ކުރި 45 ޝަކުވާއެކެވެ.
މި ރިޕޯޓުން ފާހަގަވާ ގޮތުގައި، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އެޗްއާރްސީއެމްއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އިތުރުން، ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލަތައްވެސް އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

