ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތީ، “އާއިލާ މީހުން” ގިނަ ވާނެ ދުވަސްކޮޅެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްކޮޅެވެ.

އަނެއްކާވެސް ސިޔާސީ މައިދާނުގައި ކުލަ ގަދަ ވާނެ ދުވަސްކޮޅެކެވެ. އެއްބަޔަކު އަނެކަކަށް ފަތިފުށް ކިޔަދީ އެއްބަޔަކު އަނެއް ބަޔަކަށް “ގުދޯ ގުދޯ” ގޮވާނެ ދުވަސްކޮޅެކެވެ. މިއީ ސިޔާސީ ގޮތުން އެކަކު އަނެކަކަށް މަހާނަ މައްޗަށް މަޑި އުކާނެ ދުވަސް ކޮޅެކެވެ. އެކަކަށް ވުރެ އަނެކާގެ ބަސް ގަދަ ކުރަން މަސައްކަތް ކުރާ މޫސުން އަނެއްކާވެސް ފެށެނީއެވެ.

އިންތިޚާބު ތަކުގައި ފެންނަނީ ސިޔާސީ ގޮތުން މޮޅު އުކުޅުތައް ބޭނުން ކުރާ މަންޒަރެވެ.، ތިމާ ހިތް ރުހޭ މީހާ ހޮވަން ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭކަހަލައެވެ. އެ ދުވަސްކޮޅު ކެނޑިޑޭޓުންވެސް އަދި އެހެނިހެން ސިޔާސީ މީހުންވެސް ވަނީ ނިކަން އާންމުންނަށް ފަރިތަ ރަހުމަތްތެރި ބަޔަކަށެވެ.

ބަދަލުވާ ސިޔާސީ މޫސުމާއި އެކު ފެށޭ އެހެންކަމެއްވެސް އޮވެއެވެ. އެއީ ތިމާގެ މީހުންނާއި، އާއިލީ މީހުން ގިނަވެ އޯގާތެރި މިތުރުން ގިނަވާ ގޮތްވެއެވެ. އިންތިޚާބުތައް އައީމަ ކޮފީ މޭޒުތަކުން ބައްދަލުކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް ތިމަންނާ މިއީ އެވެނި މިވެނި ގެއެއްގެ މީހަކީމޭ، ތިމަންނާ މިއީ މިގޭގެ އަހުލުވެރިންނާ ތިމާގެ މީހެކޭ ގޮވާ ހަދައެވެ. ގޭގެ އުނދޯލީގައި ދުފާލަން އިންނަ މާމައަށް ދުފާއެތިވަރު ތައްޔާރުކޮށްދިނުމާއި، ހަވާދު ހަނާކުރަން ހުންނަ މީހާގެ ދެފަތް އަތުލާ އެ ދޭފަތާއި އެއްކޮށް ފޮޓޯ ނެގުމާއި، ދާ ކޮންމެ ގެއެއްގެ ކުދިވެރިންނަށް މެޓާ ބަހާ، އެ ކުދިން އުރާ އޮޅުކޮށްގެން ފޮޓޯ ނަގާ ހަދާނެއެެވެ. މި މޫސުމުގައި ރަށުގައި ދެ މީހަކު އެއްވެލާ ކޮންމެ ތަނެއްގައި އެ މީހުންނާއި އެކު ސިޔާސީ މީހުން ވާނެއެވެ. އެ ދުވަސްކޮޅު ގިނަ ސިޔާސީ ކެނޑިޑޭޓުން ނިކަން ހިތްހެޔޮ ވާނެއެވެ.

މި ދުވަސްވަރަކީ މިއީ ވަރަށް ރަށު ތެރެ ތިޔާގިވެފައި އާރޯ ދުވަސްކޮޅެކެވެ. ސައިހޮޓާތަކުން މީހުން ހުސްނުވާނެއެވެ. ސިޔާސީ ވާހަކަ ދައްކާ ސައްލާ ކުރުމުގެ އިތުރުން އެ ދުވަސްކޮޅު ޖެހުނު ކޮންމެ ކަމެއް ކުރަންވެސް ސިޔާސީ ބޭފުޅުން ތިއްބަވަނީ ތައްޔާރަށެވެ. ގެއެއްގެ ވަޅު ދިޔަ ހިއްކަން ޖެހުނަސް އެކަންވެސް ކުރައްވާނެއެވެ. އަދި މަގުމަތީ ފެން ބޮޑުވެއްޖެއްްޔާ، އަތާއި ފައި އޮޅައިގެން ނުކުމެ އެ ފެންގަނޑު ހިއްކުމަކީ ބުރަކަމަކަށް ނުވެއެވެ. ޒުވާން ފަރާތްތަކަށް ޖާޒީ ބަޔާއި، ބޯޅައާއި ޖަނެދީ އެކި ނަންނަމުގައި އެކި މުބާރާތްތައް ބާއްވާއިރު ” ޖީބު ބަންޑުންކޮށް” އެ ކުދިންގެ ހިތް ފުރާލެވޭތޯ ބަޅާނެއެވެ.

އެކަމަކު މި ހުރިހާ އުކުޅަކަށް ވުރެވެސް މޮޅު އުކުޅެއް އޮވެއެވެ. އެއީ ތިމާގެ ކަމުގެ އުކުޅެވެ. ކޮންެމެ އިންތިޚާބަކާއި ދިމާކޮށް ވޯޓު ހޯދަން އަންނަ އިރު އެންމެ އާއްމު ދައުވާއަކީ މިއީއެވެ. ތިމަންނާ އަކީ އާއިލީ ގޮތުން އެގޭގެ މީހުންނާއި ގުޅުން އޮތް މީހެއް ކަމުގެ ވާހަކައެވެ. ކުޑަ އިރުގެ ހަނދާނުގެ އެހީގައި ނަމަވެސް ނޫނީ މުނި ކާފައާއި މުނި މާމައިގެ ހިސާބުން ވިޔަސް އާއިލީ ގޮތުން ގުޅުމެއް އޮތިއްޔާ ހަސަބާއި ނަސަބު ކިޔާދީ، އެ މީހަކަށް ވޯޓްދިނުމަށް އެދެމުންދެއެވެ. ހުރި ތަނަކަށް ނުދެވޭ މީހުން ފޯނުން ގުޅާފައިވެސް ކިޔަނީ ހަމަ މިރައިވަރެވެ.

އެކަމު ހަގީގަތަކީ ދަނެ ފަރިތަ އެއްޗެކެވެ. އެއް އިންތިޚާބު ނިންމާފަދާ މީހުން ދެން ރަށަށް އަރާނީ އަނެއް އިންތިޚާބާއި ދިމާކޮށެވެ. ހޮވުނީމަ ތަދު ފަތްޕިލާވެއްޔަކަށް ވުރެ ތަދެވެ. ފެނުނަސް އަނެއް ފަރާތަށް މޫނު ލައިގެން ފިލަނީއެވެ. އެހެންވީމަ އިންތިޚާބާއި ދިމާކޮށް “ތިމާގެ” ވުމުގެ ކުޅިވަރު ބާވެއްޖެއެވެ. އާ އުކުޅެއް ހޯދާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: