ރާއްޖޭގެ 14 ރަށެއްގައި ޕާކު އެޅުމަށް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއެކު (އެސްއޯއީ) ސޮއިކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ހަތަރު ކުންފުންޏަކާއެވެ. އެއީ ފެނަކަ، އެމްޓީސީސީ، އާރުޑީސީ އަދި އެސްޓީއޯ އެވެ. މި މަޝްރޫއުގެ ދަށުން ޕާކު ނެތް ހުރިހާ ރަށެއްގައި ޕާކު އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުންފުނިތަކާ ހަވާލުކޮށްފައިވާ ރަށްތައް:
ފެނަކައާ ހަވާލުކޮށްފައިވަނީ ޖުމްލަ 6 ރަށެއްގައި ޕާކު އެޅުމަށެވެ. އެއީ ށ. ފީވައް، ނ. މާޅެންދޫ، ނ. ކުޑަފަރި، ނ. ހެމަންދޫ، މ. މޭވައް އަދި މ. މަޑުއްވަރިއެވެ. މި ރަށްރަށަށް ބޭނުންވާ ޕާކު ސެޓުތައް މިހާރު ވަނީ ފޮނުވާފައެވެ.
އެމްޓީސީސީއާ 4 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެއީ ށ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫ އަދި ފ. ނިލަންދޫއެވެ. މީގެ ތެރެއިން ނ. މަނަދޫއަށް ޕާކު ސެޓު ފޮނުވައި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވާ ނ. ކެނދިކުޅުދޫ އަދި ނ. ވެލިދޫގައި މިހާރު ވަނީ ޕާކު ސެޓުތައް ފޮނުވައި އަމަލީ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން އެސްޓީއޯއާ ހަވާލުކޮށްފައިވަނީ ތ. ބުރުނީ އަދި ހދ. ފިނޭގެ މަސައްކަތެވެ. މީގެ ތެރެއިން ތ. ބުރުނީގައި ވެސް އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރިޔާސީ ވަޢުދާ އެއްގޮތަށް ޕާކު ނެތް ހުރިހާ ރަށެއްގައި ޕާކު އަޅައި ނިންމުން ކަމަށެވެ.

