ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހިފައިވާ ދިވެހިން އަނބުރާ ގައުމަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި އާއިލާއެއްގެ ބައެއް މީހުން ރާއްޖެ ގެނެސްފިއެވެ.
އޮޅުވާލައިގެންނާއި، އެ ނޫން ވެސް ގޮތްގޮތުން ސީރިއާއަށް އެތެރެވި ދިވެހިންގެ ޖުމްލަ އަދަދު މިހާތަނަށް އައިއިރު ދެނެގަނެވިފައި ނުވެ އެވެ. ގިނަ ބަޔަކު ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާއިރު، އެތައް ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން އެނބުރި އައުމަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ގިނައީ، ހަނގުރާމައަށް ދިއުމުގެ ގޮތުން އޮޅުވާލައިގެން ނުވަތަ ދާތަނެއް ނޭނގި އެތެރެވި މީހުންނެވެ.
ރާއްޖެއަށް އެންމެ ފަހުން ގެނައި އާއިލާތަކުގެ މައުލޫމާތުތައް ދިން ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަން ބޭނުންވެގެން 90 މީހަކު އެދިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން މައުލޫމާތުތައް ސާފުކުރުމަށް ފަހު އަނބުރާ ގެނައީ 21 މީހެކެވެ. އޭގެ ފަހުން ގެނައީ 15 ކުޑަކުދިންނާއި، ފަސް އަންހެނަކާއި ފިރިހެނެކެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް މީހުންނާއި އެފަދަ މީހުން ގެންދިޔަ އާއިލާގެ މީހުން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށެވެ.
އިހުސާން ވިދާޅުވީ، ރާއްޖެއިން ބޭރުގެ އެކި ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި ފަރާތްތައް ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެސް، މުޖުތަމައަށް ނެރުމުގެ ކުރިން ފޯރުކޮށްދޭން ޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކުރުމަށް ފަހު، މުޖުތަމައަށް އަލުން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ތުރުކީގައި ތާށިވެފައި ތިބި ދެމައިންގެ މައުލޫމާތު ލިބުމާއެކު، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެމީހުން ގެނައުމުގެ މަސައްކަތް ފެށުނެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ މިހާރު ރާއްޖެ ގެނެވިފައިވާކަމަށް ވިދާޅުވި އެވެވެ. މި ދެމީހުންނަށް މިހާރު ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގެ ފަރާތުން ދޭންޖެހޭ ހިދުމަތްތައް ދަނީ ދެމުންނެވެ.
ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރިއަށްގެންދާއިރު، މީގެ ކުރިންވެސް 23 ފަރާތެއް ވަނީ ރާއްޖެ ގެނެސް މުޖުތަމައަށް ރީއިންޓަގްރޭޓް ކުރެވިފައެވެ. އަދި ސަރުކާރުން ދަނޫ ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި ކަމަށް ބެލެވޭ ގާތްގަނޑަކަށް 75 އެއްހާ ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އިހުސާން ވިދާޅުވީ ހަނގުރާމަތަކުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކާއި، އެމީހުންނާއެކު ދިޔަ އާއިލާތަކުގެ މެންބަރުން ދެނެގަނެ، އެފަރާތްތައް ރާއްޖެ ގެނައުމަށްފަހު ހިންގަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރާނެ ކަމަށެވެ.

