ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ފަތުރުވެރިކަމަށް ޚާއްޞަ ’ސްވައިޕް‘ ޑިޖިޓަލް ވޮލެޓް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައި.ޓީ.ބީ ބާލިން ފެއާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ’ސްވައިޕް‘ (Swipe) ގެ ނަމުގައި އާ ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފިއެވެ.

މި ޑިޖިޓަލް ވޮލެޓަކީ ’ވިޒިޓް މޯލްޑިވްސް‘ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމާ ގުޅުންހުރި މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ރަސްމީ ވޮލެޓުގެ ގޮތުގައި ތައާރަފުކުރި ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްތައް ފަސޭހައިން އަދި އަވަހަށް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

ޑިޖިޓަލް ވޮލެޓަކީ މޯބައިލް ފޯނު މެދުވެރިކޮށް ނަގުދު ފައިސާ ނުވަތަ ކާޑު ގެންގުޅުމުގެ ބަދަލުގައި، ރައްކާތެރިކަމާއެކު ފައިސާ ދެއްކުމާއި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުޞަތު ލިބިދޭ ޒަމާނީ ވަޞީލަތެކެވެ.

’ސްވައިޕް‘ ގެ އެންމެ ބޮޑު އެއް ފައިދާއަކީ ރިސޯޓުތަކަށް ވަގުތުން ފައިސާ ލިބުމެވެ. ފަތުރުވެރިއަކު މި ވޮލެޓު މެދުވެރިކޮށް ފައިސާ ދެއްކުމާއެކު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން މުއާމަލާތް ކުރި ނަމަވެސް، އެ ފައިސާ ވަގުތުން ރިސޯޓުގެ އެކައުންޓަށް ޖަމާވާނެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުން އާންމުކޮށް 2.5 އިންސައްތައަށްވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް، ’ސްވައިޕް‘ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ 1 އިންސައްތައިގެ ފީއެކެވެ.

މި ޑިޖިޓަލް ވޮލެޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ފަރުމާކޮށްފައިވާ ދިވެހި އުފެއްދުމެކެވެ.

ރާއްޖޭގެ އެތެރޭގައި ކުރާ މުއާމަލާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށްވެސް މި އެޕްލިކޭޝަން ޑައުންލޯޑުކޮށް، ފައިސާ އެޅުމަށްފަހު ވަގުތުން ރާއްޖެއަށް ފައިސާ ފޮނުވުމުގެ ފުރުސަތު މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އުންމީދަކީ މި ވޮލެޓަކީ ބައިނަލްއަޤްވާމީ މައިދާނުގައި މަޤްބޫލުކަން ހޯދައި، ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ވޮލެޓުތަކާ ވާދަކުރާނެ ވަޞީލަތަކަށް ވެގެންދިއުމެވެ. މި އައު ޚިދުމަތް ތަޢާރަފްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބިނާވެފައިވާ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ޑިޖިޓަލް މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: