ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު ޤައުމީ ސިއްޙީ ލެބޯރެޓަރީއެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ލެބޯރެޓަރީ އެޅުމަށް ބޭނުންވާ 25 މިލިއަން ޑޮލަރު ޔޫރަޕިއަން އިންވެސްޓުމެންޓު ބޭންކުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި 2026 އާއި 2027 ވަނަ އަހަރަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އަހަރުތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް 1.2 މިލިއަން ޑޮލަރަށް ޖަރުމަނުގެ ޖައިޓެކް ކުންފުންޏާ މިދިޔަ ނޮވެމްބަރު މަހު ވަނީ ހަވާލުކޮށްފައެވެ.
”މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ކޮންސަލްޓެންސީ މަރުހަލާއެވެ. ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް ނިންމައި އިންޓަނޭޝަނަލް ޓެންޑާއަށް އަންނަ ޖޫން މަހު ހުޅުވައިލެވޭނެ“ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލެއިން ހަމަޖެހިފައިވާ 26,000 އަކަފޫޓުގެ ބިމުގައި ދެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ނުވަ ފަންގިފިލާގެ އިމާރާތަކާއި ތިން ފަންގިފިލާގެ އިމާރާތެކެވެ. މީގެ ތެރެއިން އެއް އިމާރާތް ތަހުލީލުތަކަށް ޚާއްސަކުރާއިރު، އަނެއް އިމާރާތް ބޭނުންކުރާނީ އެމްއެފްޑީއޭގެ އިދާރީ އަދި ފަންނީ މަސައްކަތްތަކަށެވެ.
މި ލެބޯރެޓަރީ ޤާއިމްވުމުން ވައިރޮލޮޖީ ރިސްކު ލެވެލް އެކެއް އަދި ތިނެއްގެ ވައިރަސްތަކާއި ބެކްޓީރިއާގެ ތަހުލީލުތައް ރާއްޖޭގައި ކުރެވޭނެއެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ލައިބްރަރީ، މަލްޓި ޕާޕަސް ހޯލް، ކަސްރަތު ކުރާނެ ތަންތަނާއި ޗައިލްޑް ކެއާ ފަދަ ޒަމާނީ ހުރިހާ ވަސީލަތްތަކެއް މި އިމާރާތުގައި ހިމެނޭނެއެވެ.
މިހާރު ހެލްތު މިނިސްޓްރީގެ އިމާރާތުގައި ހިންގަމުންދާ ލެބޯރެޓަރީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މި އައު އިމާރާތާއެކު ދާއިމީ ހައްލެއް ލިބޭނެއެވެ. މީގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.

