ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔަށް ތަންތަން ދިނުމަކީ ވިޔަފާރިއެއް، ކޮންޓްރޯލް ނުކުރެވޭނެ: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުލި ކޮންޓްރޯލް ކުރުމަކީ އެމްޑީޕީން ތާޢީދުކުރާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ކުއްޔަށް ތަންތަން ދިނުމަކީ، އެއީ ވިޔަފާރިއެއް ކަމަށް ސިފަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް އަތް ބޭނުމަކީ އެމްޑީޕިން ކުރާނެ ކަމެއް ނޫން ކަަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީއަކީ މެދު މިނުގެ ޕާޓީއެއްކަމަށާ، އެއީ ކޮމިއުނިސްޓް ޕާޓީއެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. ހުރިހާ ކަމަކަށް އުސޫލްތައް ކަނޑައަޅައިގެން އެމްޑީޕީގެ ޕީޖީ ގްރޫޕް މެދުވެރިކޮށް ހުރިހާ ކަމަކަށް ބަސް ބުނުމަކީ އެމްޑީޕީއިން ގެންގުޅޭ އުސޫލެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

“ވިޔަފާރީގެ އުސޫލުން މާލޭގެ އަދި އެހެނިހެން ތަންތަނުގައިވެސް ކުއްޔަށް އެބަ ތަންތަން ދޫކުރޭ. މާލެ އެކަންޏެއް ނުން. އެހެން ބުނަންޏާ ރިސޯޓްގެ އެނދުވެސް ކޮންޓްރޯލް ކުރަން އެބަޖެހޭ. އެ އެނދު ވިއްކާ އަގުވެސް ކޮންޓްރޯލް ކުރަން އެބަ ޖެހޭ. އެތަނަށްވެސް ދިވެހިން ޗުއްޓީއަށްވެސް ދޭ.”

ޓެކްސް ޕޭޔަރުން އަތުން ފައިސާ ނަގައިގެން ގިނަ ކަންކަން ހިލޭ ހިންގާ އިރު، ވިޔަފާރިތަކަށް އަތް ނުބޭނޭނެ ކަމަށާ، ކުއްޔަށް ތަންތަން ދިނުމަކީ އާއްމު މިހާގެ ވިޔަފާރިއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާޒިމް ވަނީ މާލޭގެ ކުލީގެ ވާހަކަ އެކަނި ދައްކަންވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މުޅި ޤައުމާއި މެދު ތަފާތު ކުރުން ނުގެންގުޅުމުގެ ވާހަކަދައްކާއިރު، މާލޭގެ ކުލީގެ އަގު އެކަނި ކޮންޓްރޯލް ކުރަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިރަށް މާލެ ސިޓީގައި ދިރިއުޅެމުން އަންނަ އެޕާޓްމެންޓުތަކުގެ ކުލި ދިވެހި ސަރުކަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅޭ ވެރިރަށް މާލޭގެ ކުލި ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން، ކުއްޔަށް ހައްލެގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 12،000 އިން މައްޗަށް އަރާއިރު 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ދޫކުރަނީ ތިން މަހުގެ އެޑްވާންސް އާއި އެކު 25،000 އާއި 30،000 އާއި ދެމެދުގެ އަގަކަށެވެ. އެއީ ގޭގެ ކުޑަމިނާއި ބޮޑު މިނަށް ބެލުމަށްފަހުއެެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދާފައި ވާ ޖަމިއްޔާއަކުންނެވެ. މި ޖަމިއްޔާއަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއެކެވެ.

ޕެޓިޝަންގައި ސޮއި ކުރުމާއި ގުޅޭގޮތުން އެމްޓީޔޫއިން ބުނެފައިވަނީ އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ސޮޔާއެކު މަޖިލީހަށް ލިޔެކިޔުންތައް ހުށަހެޅުމަށް ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދިއުމަށްފަހު ކުރިއަށް އޮތް ތަނުގައި ދޮރުން ދޮރަށް ހިނގައިގެން ވެސް ޕެޓިޝަނަށް ސޮއި އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެމްޓީޔޫއިން ބުނެފައިވަނީ، މާލޭގައި ދިިރިއުޅެމުންދާ ގިނަ ރައްޔިތުންނަކީ ވަޒީފާއަށް ގޮސް ކުރާ ބުރަ މަސައްކަތުގެ މުސާރަ ކުށްޔަށް ދައްކަންޖެހޭ މީހުން ކަމަށެވެ. އެގޮތުން، ގެތަކުގެ ކުލި މީހުންގެ އާމްދަނީ އާއި ނުބައްދަލު ހިސާބަށް އުފުލެމުން ދާއިރު އެ މީހުންގެ އަޑު ސަރުކާރަށް އިއްވަން ބޭނުންވާ ކަމަށް ޖަމިއްޔާއިން ބުނެއެވެ.

މާލެ ކުލި ކޮންޓްރޯލް ކުރެވޭނީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް، ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށްގެން ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ކުރީގެ ސަރުކާރުންވެސް ގެންގުޅުނު ވިސްނުމަކީ އެއީ އެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރާއިރު، މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މައްދާގައި ބުނާ ގޮތުން މުޖުތަމައުގެ އާންމު ހާލަތު މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނުވަތަ މަޖިލީހުގައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އާންމުންގެ ވިސްނުން ހާމަ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެއެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅެމުގެ މަސައްކަތް ފެށިއިރު ސަރުކާރުގެ ފަރާތުން ކުއްޔާ ބެހޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ބިލްގެ މަސައްކަތް އަންނަ ދައުރުގައި ފަށާނެއެވެ. މަޖިލީހަށް ހުށަހަޅާފައިވ އެ ބިލުގައި ވާގޮތުން ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާވާނެއެވެ. އަދި އެ ބިލުގައި ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: