ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއެއްގޮތަށް މާޅޮސްމަޑުލު އުތުރުބުރީ ”އުނގުލު“ އެ އަތޮޅު ”އުނގޫފާރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުންގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި ތަރައްގީކުރާ އާބަން ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއްގެ ގޮތުގައި ރ. އުނގޫފާރު ތަރައްގީކޮށްދެއްވައި، އެ ރަށު ރައްޔިތުން އެދުނު ފަދައިން އެ އަތޮޅު އުނގުލު އުނގޫފާރަށް ހޯދައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރ. އުނގުލު އެއްވެސް ބަޔަކަށް ދީފައިވޭތޯ އަދި އެ ރަށާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓުގައި ކުރިއަށް ދޭތޯ ވެސް ބެލުމަށް ފަހުގައި އެ ރަށް އުނގޫފާރު ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، މިއަދު އެ ރަށު ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހުގައި، އެ ރަށް ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

