އައްޑޫ ސިޓީގެ ތަރައްގީގެ ކަންކަމުގައި ސަރުކާރަށް އެންމެ ބޮޑަށް ދަތިކޮށް އުނދަގޫ ކުރައްވަނީ ސިޓީގެ މޭޔަރު ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕީއެންސީގެ އައްޑޫ ސިޓީ މާލެ އޭރިއާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި، އެ ސިޓީއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެ ކަންކަން ލިޔުމުން މޭޔަރާ ހަވާލުކުރައްވާފައިވީ ނަމަވެސް، ސަރުކާރަށް ޖެއްސުންކުރުމުގައި އެންމެ ކުރީގައި ހުންނެވީ އައްޑޫގެ މޭޔަރު ކަމަށް މިނިސްޓަރ ތުހުމަތު ކުރެއްވިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، އެމްޑީޕީން ކަންކަން ކުރީ ދައުލަތުގެ މާލިއްޔާ އެއްކޮށް ހުސްކޮށްލުމަށްފަހު ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތް ފަށަން ޖެހުނީ އެ ކަންކަން ތަރުތީބުކޮށް، މާލީ އިންތިޒާމުތައް އަލުން ހަމަޖައްސަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އައްޑޫއަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
އިދިކޮޅު އެމްޑީޕީއަށް މިހާރު ރައްޔިތުންގެ ތާއިދު ނެތްކަން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ސާފުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތައް އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ގާތުގައި ސުވާލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް އެމްޑީޕީން ހުރަސް އަޅަމުންދާ ކަމަށް މިނިސްޓަރ ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

