ހުޅަނގު އޭޝިއާގެ ސަލާމަތީ މަޝްރަހު ގޯސްވެ ފްލައިޓްތައް ކެންސަލް ކުރަން ޖެހުމާ ގުޅިގެން، އިންޑިއާގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ވިސާ އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިންޑިއާ ސަރުކާރުން އަންގައިފިއެވެ.
ހަނގުރާމައިގެ ސަބަބުން ބައެއް ގައުމުތަކުގެ އެއާރ ސްޕޭސް ބަންދު ކުރުމުންނާއި، ހާލަތު ގޯސްވުމުން ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑެތި ބުރޫތަކެއް ވަނީ އައިސްފަ އެވެ.
މި ދަތިތައް ކުރިމަތިލާންޖެހިފައިވާ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އިރުޝާދު ދެމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ބުނީ، ވިސާގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ގަވާއިދާ އެއްގޮތަށް ރެޒިޑެންސީ ކަންކަން ހަމަޖެއްސުމަށް އެންމެ ކައިރީގައި ހުންނަ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހާއި ގުޅުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހުޅަނގު އޭޝިއާ ސަރަހައްދުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ދަތުރުގެ ޕްލޭންތަކަށް ބަދަލު ގެންނަން ޖެހިފައިވާ އަދި ވިސާގެ މުއްދަތު އިތުރުކުރުމަށް ނުވަތަ މަޑުކުރުމުގެ ހުއްދަ ގަވާއިދާ އެއްގޮތް ކުރުމަށް އެހީތެރިކަން ބޭނުންވާ ބޭރު ގައުމުތަކުގެ ރައްޔިތުން، އެންމެ ކައިރީގައި ހުރި ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީހަށް ވީހާވެސް އަވަހަށް ގުޅުމަށެވެ.
އެމްއީއޭ އިން ބުނި ގޮތުގައި ކަމާބެހޭ އެފްއާރްއާރްއޯ ތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވެފައި ތިބި ބޭރު ގައުމުތަކުގެ މީހުންގެ ޖުމްލަ އަދި އަދި ސާފެއް ނުވެއެވެ.
އެމެރިކާއާއި އިޒްރޭލުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން މެދުއިރުމައްޗާއި އިންޑިއާ ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ބައެއް ދަތުރުތައް ފެށި ނަމަވެސް ފްލައިޓުތައް ޑިލޭވުމާއި، ދަތިތަކުގެ ސަބަބުން ޝެޑިއުލްތަކާއި އެއްގޮތަށް ދަތުރުތައް ކުރިޔަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ހަނގުރާމަ ފެށި މިވީ ހަތް ދުވަހުގެ ތެރޭގައި، އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އެއާލައިންތަކުގެ 2،000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވެއެވެ.
އެގޮތުން މާޗު 6 ވަނަ ދުވަހު އެކަނިވެސް، އިންޑިއާގެ އެއާލައިންތަކުން ބައިނަލްއަގުވާމީ 278 ދަތުރު ކެންސަލްވިއެވެ. އަދި އިންޑިއާގެ، އިންޑިގޯއިން ފެބްރުއަރީ 28 އިން މާޗު 3 ގެ ނިޔަލަށް އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރަން އޮތް 500 އަށްވުރެ ގިނަ ދަތުރު ކެންސަލްކޮށްފައިވެއެވެ.

