ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ޕްލޭނަށް ބަދަލުގެނެސް، ގުރުއަތު ނެގުމަށްފަހު މިހާރު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމާ ބެހޭ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގުޅީފަޅުން ގޯތި ލިބުނު 3541 ފަރާތުގެ ތެރެއިން މިހާތަނަށް 2690 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ބާކީ ތިބި ފަރާތްތަކުގެ ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގޯތި ހަވާލުކުރުމުގެ މަރުހަލާއަށް ގެނެވުނު ލުއިތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ގޯއްޗާ ހަވާލުވުމަށް ގުޅީފަޅަށް ދާންޖެހުނު ނަމަވެސް، މިހާރު މާލޭގައި ހުރެގެން ވެސް ގޯއްޗާ ހަވާލުވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
”މީގެ ކުރިން އެތަނަށް ގޮސްގެން ކުރަން ޖެހޭތީ އެބޭފުޅުން ބޭނުންވާ ސްޕީޑްގައި މަސައްކަތް ކުރިއަށް ނުގެންދެވޭ،“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާ 4000 ފްލެޓާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިހާތަނަށް 3894 ފަރާތެއްގެ އެގްރީމަންޓްގައި ސޮއިކުރުމަށް އެޗްޑީސީއަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 3871 ފަރާތަކާއެކު ސޮއިކޮށް، 3744 ފަރާތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.
ސަރުކާރުގެ އައު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން މުއްތަލިބް ވިދާޅުވީ، ’އާއިލީ ބޯހިޔާވަހިކަން އެންމެނަށް‘ ސްކީމުގެ ދަށުން 7900 ފްލެޓަށް ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބެންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ 3260 ފްލެޓް ވެސް ހިމެނެނީ ސޯޝަލް ހައުސިން ކެޓަގަރީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މޯގޭޖްކޮށްގެން ގެދޮރު ގަތުމުގެ ގާބިލުކަން ހުރި އާއިލާތަކަށް އަމާޒުކޮށްގެން ’އެފޯޑަބަލް ހޯމް އޯނަޝިޕް ސްކީމް‘ ކުރިއަށްގެންދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ސްކީމުގެ ދަށުން 1000 ފްލެޓް އިމާރާތްކުރުމަށް މިހާރު ވަނީ ޕްރައިވެޓް ޑިވަލޮޕަރުންނަށް ހުޅުވާލާފައެވެ.

