އިސްލާމީ އުންމަތަށް ނަޞްރެއްލިބޭނީ އުންމަތް އެކަތިގަނޑަކަށްވެގެން ކަމަށާއި ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވާ ކަމަށާއި އެހެންކަމުން ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. އަހަރެމެންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތައް ކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ވަނީ ޚާއްޞަކުރައްވައިފައި ކަމަށެވެ.
އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަސްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވި ކަމަށައި އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިކަން ހުތުބާގައި ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު z ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުން އެ ކަން އުންމަތަށް ދައްކަވައިދެއްވައިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُولُ اللهِ إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ، وَشَدَّ الْمِئْزَرَ).[2] މާނައީ: ”ރަސޫލު اللَّهِ z ރަމަޟާންމަހުގެ ފަހު ދިހަ އައުމުން ހުރިހައި ރެއެއް އިޙުޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރީން އަޅުކަންކުރެއްވުމަށް އަވަހާރަފުޅުން ނަންގަވައެވެ. އަދި އެކަލޭގެފާނު ކަމަރުކޮޅުބަންނަވައި އަޅުކަންކުރެއްވުމުގައި އިތުރަށް، ހީވާގިވެވަޑައިގަންވައެވެ.“ ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށް ވާތީ ރޭ އަޅުކަންކުރުން ގިނަކުރުމަށް ހިތްވަރުދެއްވައި ރަސޫލު ﷲ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ).[3] މާނައީ: ”އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ.“
ރަމަޟާންމަހަކީ ދީލަތިކަމާއި، ހޭދަކުރުމުގެ މައްސަރު ކަމަށާއި އެހެންކަމުން ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވާން ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ފިޠުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެއް ކަމަށާއި ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ޚަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވާކަން ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށެވެ. އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް އެ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ދަނީ ފެންނަމުން ކަމަށްވެސް ހތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އަޚުވަންތަ ބަޔަކަށްވާންޖެހޭ ކަމަށެވެ. އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވާންޖެހޭނެ ކަމަށާއި މުޞީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވާންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

