އަދާލަތު ޕާޓީ ދެމިއޮންނާނީ ވަރަށް ސާބިތުކަމާއިއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށް އަދާލަތު ޕާޓީގެ ލުރީގެ ރައީސް އަދި ކުރީގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިޚް އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ހަތަރުވަނަ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ޕާޓީގެ ހަތަރުވަނަ ދައުރު ފެށިގެން މިދަނީ ދުނިޔެ ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައި ކަމަށެވެ. މިހާރު ދިމާވެފައިވާ ބައިނަލްއަގުވާމީ ހާލަތާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ފަދައިން، ރާއްޖެއަށް ވެސް އެފަދަ ގޮންޖެހުންތަކެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، މި ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރައްޔިތުންނަށް ނިކަމެތިކަމާއި ބިކަ ހާލު ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ”މިފަދަ ހާލަތެއްގައި ވެސް އަދާލަތު ޕާޓީ ދެމިއޮންނާނީ ވަރަށް ސާބިތުކަމާއިއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި“ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ވެރިކަމުގައި ތިބޭ ބަޔަކަށް ބެލުމެއް ނެތި، ޕާޓީން ގަބޫލުކުރާ އުސޫލުތަކުގެ މަތީގައި ދެމިތިބެން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް އިސްލާމީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކުރުމާއި، އިސްލާހީ މަސައްކަތުގެ ނިންމުންތައް ސާބިތުކަމާއެކު ނިންމުމުގެ ގާބިލުކަން އާ ލީޑަޝިޕްގައި ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އާ ރައީސް ޝެއިޚް ޝިފާންއާ ޕާޓީގެ ހިންގުން ހަވާލުކުރައްވަމުން އިމްރާން ވިދާޅުވީ، އެ މަގާމު ހަވާލުކުރަނީ ވަރަށް އުފަލާއެކު ކަމަށެވެ. އަދި ވެރިކަމާއި ބާރަކީ މާތް ﷲ ދެއްވާ އެއްޗެއްކަން ވަރަށް ފުރިހަމައަށް ގަބޫލުކުރާ ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

