ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހދ. އަތޮޅު މާލެ އޭރިއާއަށް ޙާއްޞަ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވައިފިއެވެ.
ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފުގެ އަރިހުގައި، ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން އަދި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފާއި، ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލާއި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޒާހިރާއި، ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދާއި، ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ހުދާ މުހައްމަދު ވާހަކަދައްކަވާފައިވެއެވެ.
ޕީއެންސީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވައި، ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. މިއީ މުޅި ރާއްޖޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ޕާޓީން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.
ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެސް ކޮންގްރެސް ޕާޓީންނެވެ.

