ރާއްޖޭގެ އެންމެ ފުޅާ ގޭމިންގ ނެޓްވޯކް ކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކުރާ ”ރޯދަ ކުއެސްޓް“ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ. މާރިޗު މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ހަރަކާތަކީ ރާއްޖޭގެ ގޭމް ކުޅުންތެރިންނަށް އައު އަދި ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.
މިހާތަނަށް 200 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ މި މުބާރާތުގައި، ބްރޯލްހާލާ، މޮބައިލް ލެޖެންޑްސް، އީ.އޭ.އެފް.ސީ 26 އަދި ޓެކެން 8 ފަދަ މަގުބޫލު ގޭމްތައް ހިމެނެއެވެ. މި ހަރަކާތް ރާވާފައިވަނީ އާދައިގެ ގޮތަކަށް ގޭމް ކުޅޭ މީހުންނާއި ކުޅަދާނަ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ.
ކޮންމެ ރެއަކު 9:00 އިން ދަމުގެ 12:00 އަށް ކުރިއަށްދާ މި އިވެންޓަކީ ގޭމް ކުޅުމަށް ލޯބިކުރާ ފަރާތްތަކުން އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކާ ވާދަކޮށް ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ އީ-ސްޕޯޓްސްގެ މާހައުލު ތަޖުރިބާކޮށްލުމަށް ލިބޭ ވަރަށް ފުރިހަމަ ފުރުސަތެކެވެ.
މި ހަރަކާތުގެ ބައިވެރިންނަށް ޝީޝާ، މިނިސޯ، މެގަޗިޕް އަދި ވިލާމާޓް ފަދަ ޕާޓްނަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އިވެންޓަށް ޒިޔާރަތްކުރާ މީހުންނަށް ބާއްވާ ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެގެންވެސް އަގުހުރި ހަދިޔާތައް ހޯދިދާނެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް dgg.mv ވެބްސައިޓް މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެއެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ގޭމް ސްޓޭޝަންތަކުގައި އެއްވެސް ފީއަކާ ނުލައި ގޭމް ކުޅެލުމުގެ ފުރުސަތު ލިބޭނެއެވެ.
ޑީ.ޖީ.ޖީ އަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ޒުވާން ގޭމް ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ އިތުރު މައުލޫމާތު dgg.mv އިން ލިބެން ހުންނާނެއެވެ.

