މި ސަރުކާރަކީ އަންހެނުންގެ ކުރިއެރުމަށާއި ބާރުވެރިކުރުވުމަށް ތާރީޚީ ގޮތުން އެންމެ ބޮޑު އިސްކަމެއްދޭ ސަރުކާރު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ތަހުނިޔާ އަރިސްކުރެއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ރޭ ބޭއްވި ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުވާލެއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މި ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލުތަކަށެވެ. އެގޮތުން، މިއަދާ ހަމައަށް އައިއިރު އެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ކުރިން ނުލިބޭ އެތައް ހައްޤުތަކެއް މި ސަރުކާރުން ވަނީ އެ ކޮމިޓީތަކުގެ މެންބަރުންނަށް ކަށަވަރުކޮށްދީފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި، ކައުންސިލްގެ ބަޖެޓުން އެ ކޮމިޓީތަކަށް ލިބޭ ފަހެއް އިންސައްތައިގެ ބަދަލުގައި، އެ އަދަދު ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީ މި ސަރުކާރުންނެވެ.
މީގެ އިތުރުން، ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވައި، އެ އިނާޔަތަކީ ކޮމިޓީގެ ބަޖެޓުން ނޫން، ކައުންސިލްގެ ބަޖެޓުން ދެވޭ އެއްޗެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިއީ އަންހެނުންގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އަންހެނުންނަށް ޚާއްޞަ ލޯނުތައް ދޫކުރުމާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، އަންހެނުން ބާރުވެރިކުރުވުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިކަމަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ވަނީ ހިއްސާ ކުރައްވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ އަންހެނުންނަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި ފައިހަމަކުރާ، ބާރުވެރި ބަޔަކަށް ހެދުމެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއަކީ ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރުމާއި، މާލީ ގޮތުން ދެވޭ އެހީތެރިކަން އިތުރުކުރުމަކީ މި ދާއިރާއިން ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ދެމިއޮންނާނީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އެކަނބަލުންނަށް ފަހި މުސްތަޤުބަލެއް ހޯދައިދިނުމުގައެވެ.

