ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ އަންގާރަ ދުވަހު ކަސްޓަމްސް އިން އަތުލައިގަތް މި ތިން މީހުން މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައެވެ. މި މައްސަލާގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ ދެ ރައްޔިތުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ހިތިލާގެ، އުމުރުން 28 އަހަރުގެ އަލީ އިރުފާނާއި، އިންޑިއާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލްގެ އިތުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ އިރުފާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލާގައި ހިމެނޭ އިންޑިއާގެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

