ނޭޕާލްގެ ސެންޓްރިސްޓް ރާސްޓްރިއާ ސްވަޓަންޓްރާ ޕާޓީ (އާރުއެސްޕީ) ގެ ލީޑަރު އަދި ކުރީގެ މަޝްހޫރު ރެޕާރ ބޭލެންދްރާ ޝާހް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ތަރުހީބެއް ހޯއްދަވާފައިވާކަން ރަސްމީ ހިސާބުތަކުން ހާމަވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭނާ ވަނީ އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ކަށަވަރުކުރައްވާފައެވެ.
ވޭތުވެދިޔަ އަހަރު ޒުވާނުން ނުކުމެ ސަރުކާރު ބަދަލުކުރުމަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބުގެ ނަތީޖާތައް އާދީއްތަ ދުވަހާ ހަމައަށް ދައްކާގޮތުން، އުމުރުން 35 އަހަރުގެ ޝާހްގެ އާރުއެސްޕީ ޕާޓީ އުޅެނީ ވޯޓުގެ ނިސްބަތުން އެހެން ޕާޓީތަކަށްވުރެ މާ ކުރީގައެވެ.
ބުރާސްފަތި ދުވަހު ބޭއްވި މި އިންތިޚާބަކީ 275 މެންބަރުންގެ މައްޗަށް އެކުލެވޭ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ހޮވުމަށް ބޭއްވި ވޯޓެކެވެ. މީގެ ތެރެއިން 165 ގޮނޑި ސީދާ ވޯޓުން ހޮވާއިރު، ބާކީ 110 ގޮނޑި ކަނޑައަޅަނީ ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހުކުރު ދުވަހު އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ސީދާ އިންތިޚާބުކުރާ 165 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 100 ގޮނޑި ޝާހްގެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެހެން ދިހަވަރަކަށް ދާއިރާއަކުންވެސް އެ ޕާޓީ އުޅެނީ ކުރީގައެވެ.
ގިނަ ބަޔަކު ”ބަލެން“ ގެ ނަމުން ދަންނަ ޝާހު ވަނީ ހޮނިހިރު ދުވަހު، އިރުދެކުނު ދާއިރާއިން ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު ޚަދުގާ ޕްރަސާދު ޝަރުމާ އޮލީގެ މައްޗަށް ކުރިހޯއްދަވާފައެވެ.
އުމުރުން 74 އަހަރުގެ ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތު އޮލީ ބަލިކުރައްވައި، ކަތުމަންޑޫގެ މޭޔަރުކަމުން ގައުމުގެ އެންމެ މަތީ މަގާމާ ދިމާލަށް ޝާހު ކުރެއްވި މި ދަތުރަކީ ނޭޕާލްގެ ސިޔާސީ ތާރީޚުގައި ފެނިގެންދިޔަ އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ.

