އައްޑޫ ސިޓީގެ ތަރައްޤީގައި އަންހެނުން މަރުކަޒީ ދައުރެއް އަދާކުރަންޖެހޭ ކަމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް (ޑަބްލިއުޑީސީ) އަށް ވާދަކުރައްވާ ކެންޑިޑޭޓް އާމިނަތު އީނާ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ”ގްރޭޓަރ އައްޑޫ“ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން އީނާ ވިދާޅުވީ، ޑަބްލިއުޑީސީގެ ރައީސާގެ މަޤާމަށް ކުރިމަތިލާން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް އާ ފުރުޞަތުތަކެއް ފަހިވެ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު ވަރުގަދަވެފައިވާތީ ކަމަށެވެ. އަދި ޤާނޫނުތަކާއި ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ވެރިކަން ހިންގުމާއި ތަރައްޤީގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އީނާ ވިދާޅުވީ ސަރުކާރުން ގެންނަ މި ބަދަލުތަކުގެ ފައިދާ އައްޑޫގެ އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޑަބްލިއުޑީސީން ސަރުކާރާ ގާތުން މަސައްކަތް ކުރުމުން ތަރައްޤީގެ މަޝްރޫޢުތައް އަވަސްވާނެ ކަމަށާއި، ގެންނަ ބަދަލުތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫގެ ތަރައްޤީގެ ތަޞައްވުރަށް އަލިއަޅުވާލައްވަމުން އީނާ ވިދާޅުވީ، ރަށެއްގެ ހަޤީޤީ ބާރަކީ އިމާރާތްތަކެއް ނޫން ކަމަށާއި، އެއީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށެވެ.
ވަރުގަދަ މުޖުތަމަޢެއްގެ ހަޤީޤީ ބިންގަލަކީ އަންހެނުން، ކަމަށް އީނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަންހެނުންނަކީ އާއިލާ ބިނާކުރުމާއި، ޖީލުތައް ބައްޓަންކުރުމާއި، އަދި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތްތަކެވެ.
މީގެއިތުރުން، ޑަބްލިއުޑީސީތަކަކީ ހަމައެކަނި އިދާރީ ކޮމިޓީއެއް ނޫން ކަމަށާއި، އެއީ އާންމު ރައްޔިތުންގެ އަޑާއި ބޭނުންތައް ތަރައްޤީގެ ފުރުޞަތުތަކާ ގުޅުވައިދޭ ފާލަމެއް ކަމަށް އީނާ ސިފަކުރެއްވިއެވެ. ކުރިމަގުގެ ”ގްރޭޓަރ އައްޑޫ“ ގައި ކުދި ވިޔަފާރިތަކާއި އަތްތެރި މަސައްކަތްތަކުގެ ޒަރީޢާއިން އަންހެނުންނަށް ބޮޑު ދައުރެއް އަދާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީނާ ވިދާޅުވީ، އަންހެނުންނަކީ ހަމައެކަނި ބަލާން ތިބޭ ބަޔަކަށް ނުވެ، ނިންމުންތައް ނިންމާ ފަންތީގައި އަމަލީ ގޮތުން ބައިވެރިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާއެކުގައެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ހުރިހާ ރައްޔިތުންގެ ތާއީދަށް އޭނާ އެދިވަޑައިގަތެވެ.

