މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކާއި، މުއްދަތު ހަމަވެފައިވާ ވިސާ ގެންގުޅުނު މައްސަލައިގައި އަވައްޓެރި ސްރީލަންކާއިން ހައްޔަރު ކުރި މީހުންގެ ފަސް މީހަކު ގެންދެވިފައިވަނީ ސުވާލު ކުރުމަށްކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި 12 މީހުން ހައްޔަރު ކޮށްފައި ވަނީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.
ތިން ކުދިންނާއި، އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސް ކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ. އެމީހުންގެ ޕާސްޕޯޓް، ވިސާ ޖަހަން ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ލިޔުން ހޯދުމުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. މީގެ އިތުުރުން ވިސާ ނެތި އެއް ދުވަހު ސްރީލަންކާގައި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވެސް މިއަދު ހެނދުނު ވަނީ ދޫކޮށްލާފަ އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފަހުން ގެންދިޔައީ ވިސާ ހަމަވުމުން ވެސް އެ ގައުމުގައި މަޑުކުރި މީހެއް ކަމަށެވެ. އަދި ވިސާ ނެތި ހަ މަސްދުވަހު ސްރީލަންކާގައި އުޅުމާއި އުޅުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު ވަނީ ޖޫރިމަނާ ދައްކަން އަންގައި، ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.
މި ހާދިސާތަކަށްފަހު ފޮރިން މިނިސްޓްރީއިން ވަނީ ރާއްޖެއިން ބޭރުގައި އުޅޭވަގުތު އަބަދުވެސް ޕާސްޕޯޓު ގެންގުޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހޮޓަލުގައި ކާން އުޅޭ ވަގުތުތަކުގައި އާއި، ޗުއްޓީ ހޭދަ ކުރުމަށް ބޭރަށް ނިކުމެ އުޅޭމީހުންވެސް ކާކުކަން އަންގައިދޭ ލިޔެކިޔުން ގެންގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އޭގެ އިތުރުން، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާ ކުރުމަށާއި، ޕާސްޕޯޓު ގެއްލި ނުވަތަ ގެއްލުމެއް ވެއްޖެނަމަ ވީހާވެސް އަވަހަށް އެކަން އެމްބަސީއަށް އެންގުމަސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއާއި އެކު ވިސާ އާކުރަން ޕާސްޕޯޓް އެމްބަސީ ނުވަތަ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓް އަދި ކާކުކަން އަންގައިދޭ އެހެން ލިޔުމެއް ގެންގުޅުމަށްވެސް މިނިސްޓްރީ ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ބެހެއްޓުމަށް ވެސް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތާގައި ނޫޅުމަށާއި، ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭގޮތަށް ޕާސްޕޯޓްތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަމެވެ. ސްރީލަންކާގައި ތިބުމުގެ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާ ނުކޮށް އެ ގައުމުގައި ތިބުމަކީ ގާނޫނީ ކުށެކެވެ. އަދި މިގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ދިވެހި އެމްބަސީން ވަނީ ބުނެފައެވެ.
ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ލުއިފަސޭހަތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނަށް ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ދަނީ ބުރޫއަރަމުންނެވެ.

