އެފްޑީސީގެ ފްލެޓްތަކަކީ އާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ތަންތަން ނޫން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހުންނަ އަމާން ދޯދި ފްލެޓެއް ކުއްޔަށް ދިނުމަށް އިޝްތިހާރެއް ޖެހި މައްސަލަ އެއް މިވަނީ ދާދިފަހުން ފެންމަތިވެފައެވެ.
މީސްމީޑިއާގައި ޝެހެނާޒް ނަމަކަށް ކިޔާ މީހަކު އެ ޕޯސްޓްކޮށްފައިވާއިރު، އެތަނުގެ ކުއްޔަކަށް ޖަހާފައިވަނީ މަހަކު 23،000 ރުފިޔާއަށެވެ. ޕޯސްޓުގައިވާ ގޮތުން އެތަނަކީ އެއީ ފަރުނީޗަރު ނެތް، ނަމަވެސް ބަދިގޭގެ ފަރުނީޗަރު ހަދާފައިވާ ފްލެޓެކެވެ.
އެ ޕޯސްޓުގައި ގުޅުމަށް ދީފައިވާ ނަންބަރާއި ހަވާލާދީ މީސްމީޑިއާގައި މީހަކު ބުނެފައިވަނީ އެއީ އަމާން ދޯދި ފްލެޓެއް ކަމަށެވެ. އަދި އޭނާ ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލްގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
މިކަމާއި ގުޅިގެން ސަންގުން ހަމްދާންއާއި ސުވާލުކުރުމުން ވިދާޅުވީ އެކަން އޭނާގެ ސަމާލުކަމަށް އައީ އާންމުންގެ ފަރާތަކުން ރިޕޯޓްކުރުމާއިއެކު ކަމަށެވެ. މިގޮތުން މިހާރު އެކަން ބެލުމަށް އޭނާގެ ޓީމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ފްލެޓްތަކުގައި ދިރިއުޅެނީ ސީދާ އެފްލެޓެއްގެ ޙައްޤުވެރި ފަރާތްކަން ކަށަވަރުކުރަނީ ކިހިނެއްތޯ ސުވާލުކުރުމުން ހަމްދާން ވިދާޅުވީ މިކަހަލަ ކޭސްތައް ދެގޮތަކަށް ފާހަގަވާކަމަށެވެ. މިގޮތުން ފުރަތަމަ ގޮތަކީ އެބޭފުޅުންގެ އިންސްޕެކްޓަރުންނަށް އެއް ޔުނިޓަކަށް ބިދޭސީއަކު މާގިނައިން ވަދެނިކުމެ އުޅެނީ ކަމުގައި ވާނަމަ އެކަމެއް ބަލާކަމަށެވެ. ދެވަނަ ގޮތަކީ އާއްމުންގެ ފަރާތްތަކުން ކުރާ ރިޕޯޓްތަކާއި ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ފްލެޓް ކުއްޔަށްދިނުމުގެ 4 ކޭސްއެއް ފާހަގަވެފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. މިގޮތުން އެތަނުން އެއްފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވިފައިވާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެތަނުގައި ތިބި މީހުން ފްލެޓް ހުސްކޮށް ވެރިފަރާތުން ޖޫރިމަނާއަށްވީ ފައިސާވެސް ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މީހަކަށް ލިބިފައިވާ ފްލެޓެއް ކުއްޔަށް ދިނުމުން އެފްޑީސީއާއި އެތަން ލިބިފައިވާ ފަރާތާއި ދެމެދު ހެދިފައިވާ އެއްބަސްވުމާއި ހިލާފުވެވުނީ ކަމަށެވެ. އަދި އެފްޑީސީގެ ފްލެޓްތަކަކީ އާމްދަނީ ހޯދުމަށް ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ތަންތަން ނޫން ކަމަށް ވިދާޅުވިއެވެ.

