ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމައްޗަށް ނުކުންނަ އިރު، ސަލާމަތް ސަމާސާ ކަމަކަށް ނުހަދަމާތޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ޖަޒީރާ ޤައުމަކަށް ވާއިރު، ދަތުރުފަތުރުކުރުމުގައި އެންމެ އަހުލުވެރި ނިޒާމަކީ ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކެވެ. އަދި ދިވެހިންނަކީ ކަނޑުގެ ހިތްހަމަޖެހުން ލިބިގަނެ، މަސްމަވެރިކަމަށް ދޯޅު ބައެކެވެ. މަޖާކޮށްލުމުގެ ގޮތުންވެސް ދިވެހިންނަކީ ކަނޑުމައްޗަށް ނުކުމެ، ބޯވަނެގުމާއި، މަސްމަހާއި މެހީގެ އެކި ބާވަތްތައް ހިފަން ގޮސް އުޅޭ ބައެކެވެ. އަދި ދަތުރު ކުރާ އިރު ރޭގަނޑު ގަޑީގައި ދަތުރުކުރުމަކީ ގިނަ ދިވެހިން ޖެހިލުންވާކަމެއް ނޫނެވެ.

އެހެންނަމަވެސް ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ބޭނުންކުރާ ހަރުބަހެއް އޮވެއެވެ. “ރައްކާވެ ތިބިއްޔާ ދަތުރެވެ”. މިހެން ބުނެ އުޅެނީ ދަތުރުކުރުމުގައި ސަލާމަތާއި ރައްކާތެރިކަން އިޚުތިޔާރުކުރަން ވާގި ދިނުމުގެ ގޮތުންނެވެ.

ޒަމާން ބަދަލުވެ ރިޔަލު ބައްތެއްޔާއި، ފަން ރިޔަލު ދޯނީގައި ކުރި ދަތުރުތައް މިވަނީ ޒަމާނީ އޮޑި ދޯނި ފަހަރަށް ބަދަލުވެފައެވެ. މުވާސަލާތީ ވަސީލަތްތައް ކުރިއަރާ، ބަވަނަ ވެފައިވާ މި ދުނިޔޭގައި އެންމެ ފަހުން އީޖާދު ކުރާ މޮޅެތި ވަސީލަތްތައް ރާއްޖެއާއި ހަމައަށް ފޯރާކަށް މާގިނަ ވަގުތުތަކެއް ނުނަގައެވެ. އެހެންކަމުން ދަތުރުކުރުން އިހުނަށްވުރެ މާބޮޑުތަނުންވެސް މިވަނީ ފަސޭހަވެފައެވެ.

އެހެންނަމަވެސް އެފަދަ ވަސީލަތްތައް ބޭނުން ނުކޮށް، އެކަށީގެންވާ ސަމާލުކަން ނުދީ ދަތުރުކުރުން އާއްމު ކަމަކަށްވެފައިވާކަމީ ހިތާމަހުރި ކަމެކެވެ. ކައިރި ކައިރީގައި ކަނޑުމަތީގެ އެކްސިޑެންޓްތަކެއް ދާދިފަހުންވެސް ހިނގާފައިވެއެވެ.

އޭގެ ތެރެއިން އެންމެ ފަހުން ފާހަގަކުރެވުނީ، ފަރަށް އެރި ދޯންޏެއްގެ ކައްޕި ގެއްލުނު މައްސަލައަކާއި، ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޑިންގީއިން ދަތުރުކުރި އެކަކު ގެއްލުނު ވާހަކައެވެ.

ގެއްލުނީ އެންމެ މީހެއްކަމަށްވީނަމަވެސް، މިއިން ކޮންމެ ހާދިސާއެއްގައިވެސް ގެއްލިފައިވަނީ އައިލާ އާއި ރަހުމަތްތެރިން ތިބި މުހިއްމު އިންސާނެކެވެ. އެކްސިޑެންޓްތައް އާއްމުވިޔެއްކަމަކު މިފަދަ ހާދިސާއެއްގައި ހާނިއްކައެއްވާ މީހާގެ އާއިލާ އުފުލާ ވޭނާއި ކެކުޅުން އެހާމެ ބޮޑެވެ. އެންމެ އެކްސިޑެންޓަކުން އެތައް ބައެއްގެ ދިރިއުޅުން މުޅި އުމުރަށް ބަދަލުކޮށްލައެވެ. ދުޅަހެޔޮ ސަމާސާ ދިރިއުޅުމެއް އުޅެމުން އައި މީހުންގެ ދިރިއުޅުމުގެ ބާކީ އޮތްބައި ނުކުޅެދޭ ހާލުގައި އަދާކުރަން ޖެހިފައި އެބަ ހުއްޓެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިފަދަ ހާދިސާތައް ގިނައިން ހިނގަނީ އިހުމާލުގެ ސަބަބުން ކަމެވެ. ތެދެކެވެ. ސަލާމަތީގޮތުން ކިތަންމެ ރައްކާތެރިވިޔަސް ކަމެއް ދިމާވެދާނެއެވެ. ގުދުރަތީ ކަންކަމަކީ ދައުވަތު ދިނުމަށްފަހު ބައްދަލުކުރާ ކަންކަމެއް ނޫނެެވެ.

އެހެންނަމަވެސް ގިނަ ފަހުރު ހިތާމަވެރި ހާދިސާތައް ހިނގާފައި ހުންނަނީ ފަރުވާ ކުޑަވުމުގެ އިތުރުން، ޤަވާއިދާއި ޚިލާފަށް ކުރާ ކަންކަމުގެ ސަބަބުންނެވެ. ކަނޑައެޅިފައި އޮންނަ ބާރު މިނަށް ވުރެ ބާރަށް ދުއްވުމާއި، ސަލާމަތީ ވަސީލަތްތައް ހަމަނުކޮށް ދުއްވުމާއި، ކަނޑައެޅިފައިވާ މިންވަރަށް ވުރެ ގިނައިން ފަސިންޖަރުން އުފުލުމާއި، މުދާ އުފުލާއިރު އެކަށީގެން ނުވާ ބަރު،މިިނުގައި އުފުލުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަކަންކަމާއި މެދު ހޭލުންތެރިކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.
ް
ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ދިވެހި ރާއްޖޭގެ ކަނޑުގައި ދުއްވާ ކޮންމެ އުޅަނދެއްގެ ފަހަތުގައި ސިފައިން ނުބޭތިއްބޭނެ ކަމެވެ. އަދި ސިފައިންނާއި ފުލުހުން އެކަނި ކުރާ މަސައްކަތުން މި މައްސަލަ ހައްލުވެސް ނުވާނެކަމެވެ. މި މައްސަލައިގައި ފަރުދީ ޒިންމާ ނުހަނު ބޮޑެވެ. ސަލާމަތަށް ނުބަލާ ދަތުރުކުރަމުންދަނިކޮށް، ހިތާމަވެރި ކަމެއް ދިމާވުމުން ކަމާއި ބެހޭ ފަރާތްތަކުގެ މަސައްކަތަށް ބަސް ބުނެ، ފާޑުކިޔާބަޔަކަށް އެކަނި ވުމަކީ ފަރުދީގޮތުން ޒިންމާ އަދާކުރުމެއް ނޫނެވެ.

އަޅުގަނޑުގެ ޚިޔާލުގައި ސަމާސާއަށް ދާ ދަތުރުތަކުގައި ވެސް ޤާނޫނާއި ޚިލާފަށް ދާނަމަ އެކަމުގައި ބައިވެރި ނުވާންވީއެވެ. ތިމާ ކަނޑުމައްޗަށް ފަރިތަ މީހަކަށްވީތީ ތިމާ ސަލާމަތްވާނެ ކަމުގެ ވިސްނުން ދޫކޮށްލަންވީއެވެ. ކިތަންމެ ލަސްވިޔަސް، ކިތަންމެ މުހިންމު ވިޔަސް ސަލާމަތީ ފިޔަވަޅުތައް ނާޅާ ދަތުރު ނުކުރަންވީއެވެ. ފުރަތަމަ ރައްކާތެރިކަން އިޚުތިޔާރްކުރަންވީއެވް. ތިމާއާއި ތިމާ ލޯބިވާ މީހުން މިފަދަ ކަންކަމުން ރައްކާތެރި ކުރެވޭނީ އޭރުންނެވެ.ކަނޑުމައްޗަށް ނުކުންނަ އިރު، ސަލާމަތް ސަމާސާ ކަމަކަށް ނުހަދަމާތޯއެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: