މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން، ކުރީ އަހަރުތަކެކޭ އެއްފަދައިން ”ޢީދު ހަވީރު 1447“ ޤައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި، މި ހަރަކާތްތައް ޢީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ. ”ޢީދު ހަވީރު“ ގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.
ހަރަކާތްތައް ކުރިއަށްދާނެ ސަރަހައްދުތައް
މާލޭގައި މި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމާ ހަމައަށެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާއިރު، ވިލިމާލޭގައި މި ހަރަކާތްތައް އޮންނާނީ ފުޓްބޯޅަ ދަނޑުގައެވެ. މިދިޔަ އަހަރު އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރު މި ހަރަކާތް ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ކުޑަކުދިންނާއި އާންމުންނަށް ހާއްސަ ހަރަކާތްތައް
މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ޢީދު ހަދިޔާ ދިނުން އޮންނާނެއެވެ. ދައުލަތުގެ ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު ތީމުތަކަށް ގޭމްތައް އިންތިޒާމުކުރެވިފައި ހުންނާނެއެވެ. މީގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.
ޚާއްޞަ ގޮތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި އުޅަނދުތައް ދައްކާލުން އޮންނާނެއެވެ. އާންމުންނަށް މި ތަކެއްޗާއެކު ފޮޓޯ ނެގުމާއި، ބައެއް އުޅަނދުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

