އއ. މަތިވެރި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކުރަމުން އެކުންފުނިން ބުނެފައިވަނީ އިމާރާތުގެ ފުރާޅުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރާޅުގެ ޓްރަސްތައް ހެދުމުގެ މަސައްކަތުގެ 10 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މަތިވެރި ސްކޫލްގެ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކަށީގެންވާ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.
މި އިމާރާތް ނިމުމުން، ސްކޫލުގެ ކިޔަވައިދިނުމުގެ ކަންކަން އެއް ދަންފަޅިއަށް ބަދަލުކުރުމަށާއި، އިތުރު ހަރަކާތްތައް ހިންގުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް މަލްޓިޕާޕަސް ހޯލާއެކު ސްކޫލުގެ ތަފާތު ޖަލްސާތަކާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
މަތިވެރި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި، ދަރިވަރުންނާއި މުދައްރިސުންގެ ބޭނުމަށް ހުޅުވައިލުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް މިހާރުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

