ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހުނަކާ ނުލައި އައްޑޫގައި ގެދޮރު ހެދުމަށް މިހާރު 3 މިލިއަން ރުފިޔާ ލިބޭނެ: ޝަރީފް

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ ދާއިރާއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، އިތުރު ރަހުނަކާ ނުލައި އައްޑޫގައި ގެދޮރު އެޅުމަށް މިހާރު 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހަންމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އައްޑޫގެ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލްގެ ގޮތުގައި 3 މިލިއަން ރުފިޔާގެ ލޯނު މިހާރު ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫގެ މަސްވެރިންނަށްވެސް މިހާރު ވަޒީފާ އަދާކުރާ އެހެން މީހުންނެކޭ އެއްފަދައިން ބޭންކުން ދޫކުރާ ހުރިހާ ލޯނަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގެސްޓްހައުސް އާއި ފަތުރުވެރިކަން ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ވިޔަފާރިތަކަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަށް ބަލައި ދޫކުރާ ލޯނުތައް މިހާރު ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޭންކުގެ މަގްސަދަކީ އައްޑޫގެ ތަރައްގީއަށް ބޭނުންވާ މާލީ އަދި ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

 ”އާދެ! ބޭންކުން މިއޮތީ މުޅި އައްޑޫގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ ވަސީލަތްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި، ހިދުމަތްތަކާއި، އެހީތެރިކަން ފޯރުކޮށްދޭން. ބޭންކު މިއޮތީ ހުރިހާގޮތަކުންވެސް އައްޑުގެ ތަރައްޤީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެންގުޅިގެން މަސައްކަތްކުރުން. ތިޔަ ބޭފުޅުންގެ ބެންކް އަބަދުވެސް އޮންނާނީ ތައްޔާރަށް،“ ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، ބޭންކުން ތިބީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދޮރު ފުޅާކޮށް ހުޅުވާލައިގެން ކަމަށެވެ. މިއީ އައްޑޫގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ބޭންކުން ދޭ ހާއްސަ އަހަންމިއްޔަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: