ހިންގަން ހުންނަ މީހާ ކަމުނުދާނަމަ ނިޒާމެއް މަސައްކަތް ނުކުރާނެ ކަމަށާއި، މާލޭގައި އެންމެ ރަނގަޅަށް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް މަސައްކަތް ކުރެއްވި މޭޔަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ސެންޓްރަލައިޒްޑް ނިޒާމާއި ޑީސެންޓްރަލައިޒްޑް ނިޒާމު ފަދަ ތަފާތު ނިޒާމުތަކަށް އަމަލުކުރަމުންދާ ކަމަށެވެ. ރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ނިޒާމަކަށް އަމަލުކުރަމުންދާކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ ގޯސްވަނީ ނިޒާމު ނޫން ކަމަށާއި އެ ނިޒާމެއް ހިންގަން ތިބޭ މީހުން ކަމަށެވެ. އެހެންކަމުން އެކަމާ މެދު ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
2021 ވަނަ އަހަރު ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކުރެއްވީ ރައްޔިތުންގެ ބޮޑު އަގުލައްބިއްޔަތަކުންކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ލާމަރުކަޒީ ނިޒާމެއް ހިންގާނެ ގޮތް ރައްޔިތުންނަށް ދައްކަވައިދެއްވީ އެމަނިކުފާނު ކަމަށެވެ.
”ރައްޔިތުންނަށްޓަކައި މެނިފެސްޓޯއެއް ހިއްޕަވައިގެން ވަޑައިގެން، ލާމަރުކަޒީ ނިޒާމެއް ހިނގަނީ ކިހިނެތްކަން ރައްޔިތުންނަށް ދައްކަވައިދެއްވީ އެމަނިކުފާނު“ ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލެއްވި ނަމަވެސް، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ޕްލޭން ފާސްނުކޮށް ކަންކަން ކުރީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ. އޭރު މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ގޮތް މާލޭގެ ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ރައްޔިތުންގެ ބައްދަލުވުންތައް ގަވާއިދުން ބޭއްވި ނަމަވެސް، މިހާރު އެ މަންޒަރު ނުފެންނަ ކަމަށެވެ. މިއީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ނިޒާމު ހިންގަން ތިބޭ ބައެއްގެ މައްސަލަ ކަމަށް ޝުޖާއު ތަކުރާރުކޮށް ވިދާޅުވިއެވެ.

