ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ބޭނުން ކުރާ ގޮތަށް ހަމަަޖައްސާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލްތަކުގައި ފެހި ކުލައިގެ ނަމްބަރު ޕްލޭޓް ހަރުކޮށް ބޭނުން ކުރަން ފަށާނެ ކަމަށާއި، މީގެ ސަބަބުން މަގުތަކުން ފަސޭހައިން ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމަށް އަމީން ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން ތިމާވެށްޓާއި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގެނައުމާއި ގުޅޭގޮތުން ރައިސް ޑރ. މުހައްމަދު މުއިއްޒު ކޮޕް29 ގައި އިއުލާނު ކުރެއްވި ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އިލެކްޓްރިކް ވެހިކަލްތަކުގެ ނަމްބަރު ޕްލެޓަށް ބަދަލު ގެނަުއުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، ސަރުކާރުން ވަނީ މާލެ ސަރަހައްދަށް ތިމާވެއްޓާ ރައްޓެހި ވެހިކަލް ބޭނުންކޮށްގެން ޓެކްސީގެ ހިދުމަތް ފެށުމަށް ނިންމާފައެވެ. އެގޮތުން ސަރުކާރުގެ ޓެކްސީ ލައިނެއްގެ ހިދުމަތް ކުރިއަށް އޮތް ފިތުރު ޢީދު ދުވަހު ފަށަން ތައްޔާރުވަމުންދާކަމަށް މިނިސްޓަރު އަމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު ފުރަތަމަ ބުރުގައި 150 ކާރު ބޭނުންކުރާނޭ ކަމަށް އަމީން ވިދާޅުވިއެވެ.
ސަރުކާރުން ޓެކްސީ ލައިން ހިންގުމަށް ނިންމާފައިވަނީ ރައްޔިތުންނާ ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީ މެދުވެރިކޮށެވެ.
މި ސަރުކާރުން ތައާރަފް ކުރާ ހާއްސަ ޓެކްސީ ލައިންއަކީ ތިމާވެއްޓާއި ރައްޓެހި ޓެކްސީ ފްލީޓަކާއެކު ފަށާ ހިދުމަތެވެ. މި ހިދުމަތް މި މަހު 18 ގައި ފަށަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

