އިންތިޚާބެއްގައި އަބަދުވެސް އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަމުންދާނެކަމީ ސަޕޯޓަރުން ވިސްނަންޖެހޭ ކަމެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ ބައެއްފަހަރު އިދިކޮޅުން ބަލިވާ ފަރާތްތަކުން ތިމަންނާއީ ރައީސް ތާއީދުކުރައްވާ ކެނޑިޑޭޓުކަމަށާއި، ތިމަންނާމިއީ ސަރުކާރުގެ ކެނޑިޑޭޓުކަމަށްބުނެ ދޮގު ވާހަކަ ފަތުރަމުންދާކަމަށެވެ. މިއީ ރައްޔިތުންނަށް އެނގެންޖެހޭ ވަރަށް މުހިންމު ކަމެއްކަމަށް ފަލާޙު ވިދާޅުވިއެވެ.
މިގޮތުން އިއްޔެގެ ހުޅުމާލެ ޑޯޓުޑޯ ކެމްޕެއިންއަށް ބަލާލާއިރުވެސް ރައީސް މުއިއްޒުވަނީ ޕީއެންސީގެ ފަރާތުން އިންތިޚާބަށް ކުރިމަތިލާފައިތިބި ކެނޑިޑޭޓުންނަކީ ޕީއެންސީގެ ޓިކެޓު ކަށަވަރު ކުރައްވައިގެން ތިބި ފަރާތްތައްކަމަށާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ފިޔަވާ އެމަނިކުފާނު ތާއީދުކުރައްވާ އިތުރު ކެނޑިޑޭޓަކު ނުހުންނަވާނެކަމަށް ވިދާޅުވެފައިވާކަން ފަލާޙު ފާހަގަކުރެއްވިއެވެ.
އިންތިޚާބާ ދިމާކޮށް ފަތުރާ ދޮގު ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ފަލާޙު ތުހުމަތު ކުރެއްވިއެވެ،
”މިފަދަ އިންތިޚާބެއްގައި ސަޕޯޓަރުން ވިސްނަންވީކަމަކީ އަބަދުވެސް އިދިކޮޅުން ބަލިވާ ކެންޑިޑޭޓުން ވަރަށްގިނަ ދޮގު ވާހަކަ ފަތުރަމުންދާނެ“ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ކޮންމެވެސް މީހެއްގެ އަބުރުކަތިލާ، ޤައުމާއި ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަތުރާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، އޭޕްރިލް ހަތަރުވަނަ ދުވަހު ނަގާ ރެފަރެންޑަމް ވޯޓުގައިވެސް ރައްޔިތުންނަށް އޮޅުވާލަމުންދާ މިންވަރު ހާމަވެގެންދާކަމަށް ފަލާޙު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން އޮޅޭ ކަމަށް ވިދާޅުވެ އޭނާވަނީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތަކެއްގެ ދިފާއުގައި ކޮންމެ ދުވަހަކު ހަނގުރާމަ ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ފަލާޙު ވަނީ އިދިކޮޅުން ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

